twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަންހެނުންގެ ބައިވެރިވުން ހުރިހާކަމެއްގައިވެސް ވަރަށް ބޮޑަށް ބޭނުންވޭ: މޭޔަރު

އަބްދުލް ވާހިދު ޙަސަން
Jun 10, 2022
1

ކުޅުދުއްފުށީގެ ތަރައްގީއާ އެހެނިހެން ހުރިހާކަމެއްގައި އަންހެނުންގެ ބައިވެރިވުން ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ބޭނުންވާކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅު ބަށިބޯޅަ ލީގް ފެށުމުގެ ގޮތުން ބުރާސްފަތިދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، ކުޅުދުއްފުށީގެ އަންހެނުންގެ އެންމެންހާ ތަރައްގީ އާއި ބައިވެރިވުން ހުރިހާކަމެއްގައި ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަ ކުރެވިފައިތިބި ގޮނޑިތަކުގައި ޕޮލިސީ ލެވެލްގައި ތިއްބަވާ އަންހެނުންނަށް އިތުރު އަންހެނުންގެ ސަޕޯޓް ބޭނުންވާނެކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، އަންހެނުން ބޭނުންވާ ކަންކަން ހާސިލުކުރެވޭނީ އެ މޭޒުގައި ވާހަކަ ދައްކައިގެން ކަމަށެވެ.

"ހަމަ ޔަގީންވެސް އަންހެން ބޭފުޅުން ބޭނުންވާ ކަންތައްތައް އެ މޭޒުގައި ވާހަކަ ދެކެވޭނީ އަންހެން ބޭފުޅުން އެ ވާހަކަ ދައްކައިގެން. އަދި އަންހެން ބޭފުޅުންނަށް ބޭނުންވާ ކަންތައްތައް ހާސިލުކުރުމަށްޓަކާ އަންހެން ބޭފުޅުން ނުކުރި މަސައްކަތެއް ކުރާނެ ބަޔަކު އައިސްދާނެކަމަށް ބަލައިގެން ނުވާނެ." މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، އެހެންނަމަވެސް ކުޅުދުއްފުށީގެ އަންހެނުންގެ އެންމެހާ ތަރައްގީއާ އަދި ހުރިހާ ކަންތައްތައް އެ ފަރާތްތަކާއެކީ ކުރުމަށް ސިޓީ ކައުންސިލް އޮތީ ތައްޔާރަށް ކަމަށެވެ.

އެތަކެއް އަހަރުތަކަކަށްފަހު ކުޅުދުއްފުށީގައި އަދި ހދ އަތޮޅުގައި ބަށިބޯޅަ މުބާރާތެއް ބޭއްވޭތީ އުފާކުރައްވާކަމަށާއި މިކުޅިވަރުގެ ސަބަބުންވެސް އިޖްތިމާއީ ރޫހް އާލާވެ ސިއްހީ ގޮތުން ދުޅަހެޔޮކަން އިތުރުކުރެވިގެންދާނެކަން މޭޔަރު ފާހަގަކުރެއްވި އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުޅިވަރާއި ކަސްރަތަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާ ހުރިހާ ފަރާތްތަކުންވެސް ކަސްރަތު ކުރެއްވުމަށް ބާރުއަޅުއްވާ މޭޔަރު އާތިފް މިރަސްމިއްޔާތުގައި ވާހަކަދެއްކެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355