ހދ އަތޮޅު ބަށިބޯޅަ ލީގްގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ކޮރަލްސް ހޯދައިފި އެވެ. ހޮނިހިރުދުވަހު ހަވީރު ކުޅުނު ފޯރިގަދަ ބަށިބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކޮރަލްސްއާ ދެކޮޅަށް ނުކުތީ ނެއްލައިދޫގެ ބަށިބޯޅަ ޓީމެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުން ކޮރަލްސް މޮޅުވީ 28 ލަނޑުންނެވެ. ނެއްލައިދޫއަށް ކުރެވުނީ 25 ލަނޑެވެ. މި މުބާރާތުގެ އެންމެ ޝަރަފްވެރި މަގާމްކަމުގައިވާ ބަށިރާނީގެ މަގާމު ހޯދީ ނެއްލައިދޫ ޓީމުގެ އައިޝަތު ރަޝީދާ އެވެ.
ބަށިރާނީގެ އިތުރުން މުބާރާތުގެ ގިނަ މަގާމުތަކެއް ކާމިޔާބުކުރީވެސް ނެއްލައިދޫންނެވެ. އެގޮތުން ނެއްލައިދޫން ހޯދި ކާމިޔާބީތަކަށް ބަލާއިރު އެންމެ މޮޅު 8 ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ހަތަރު ކުޅުންތެރިން ހިމެނުނެވެ.
އެންމެ ގިނަ ބޯޅަ ޖެހީ ކުޅުންތެރިޔާގެ މަގާމު ނެއްލައިދޫގެ ޓީމުގެ އައިޝަތު ރަޝީދާއި ހޯދިއިރު އެންމެ ގިނަ ބޯޅަ ހިފި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އެ ޓީމުގެ ސަހާމާ އިބުރާހިމެވެ. އެންމެ އުންމީދީ ކުޅުންތެރިޔާއަކަށް ހޮވުނީ ނެއްލައިދޫ ޓީމުގެ މަރްޔަމް ރިފާ އެވެ.
އަދި މީގެ އިތުރުން އެންމެ ހިތްވަރުގަދަ ކޯޗުގެ މަގާމާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ނެއްލައިދޫ ޓީމުންނެވެ.
ބަށިބޯޅަ ފައުންޑޭޝަނާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވި އެވެ. އެއީ ނެއްލައިދޫ އާއި ކޮރަލްސްގެ އިތުރުން ހިރަފުހާއި ނޭކުރެންދޫންނެވެ.
މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އާއި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދާއި ބަށިބޯޅަ ފައުންޑޭޝަންގެ ރައީސާ ޝިޔާމާ އަހުމަދުގެ އިތުރުން ކުޅުދުއްފުށީގެ އަންހެން ކޮމެޓީގެ ކުރީގެ މެމްބަރުންނާއި ރައީސްކަން ކުރެއްވި ފަރާތްތަކުން ބައިވެރިވެލެއްވި އެވެ.