twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ހދ އަތޮޅު ބަށިބޯޅަ ލީގުގެ ޗެމްޕިއަންކަން ނެއްލައިދޫ ބަށި ޓީމު ހޯދައިފި

Dec 21, 2023
2

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ހދ. އަތޮޅު ލީގު، ކުޅުދުއްފުށި ބަށިބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނެއްލައިދޫ ބަށި ޓީމު ހޯދައިފިއެވެ.

ޖުމްލަ ފަސް ޓީމަކާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ނެއްލައިދޫ ހޯދީ ފައިނަލުގައި ޓީމު ކޮރަލްސް ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމަކަށްފަހު ނެއްލައިދޫ މި މުބާރާތް ކާމިޔާބުކޮށްފައިވާއިރު، މިއީ ކުޅުދުއްފުށި ސިޓީގައި މިހާތަނަށް ބޭއްވި އެންމެ ފެންވަރު ރަނގަޅު ބަށި މުބާރާތެވެ.

ފައިނަލް މެޗަށްފަހު ވަނަވަނައަށް ދިޔަ ޓީމުތަކާ އެކި މަޤާމުތަކަށް ހޮވުނު ކުޅުންތެރިންނަށް ވަނީ އިނާމު ދީފައެވެ. އެގޮތުން މުބާރާތުގެ ބަށި ރާނީއަކަށް ހޮވުނީ ޓީމު ކޮރަލްސްގެ އާސިމާ އާދަމެވެ. އޭނާ އެ މަޤާމު ހޯދީ ޖުމްލަ 602 ޕޮއިންޓާއެކު އެވެ. އެންމެ މޮޅު ހިފުންތެރިއަކަށް ޓީމު ކޮރަލްސްގެ ޒައީމާ ދާޢޫދު ހޮވުނުއިރު އެންމެ މޮޅު ޖެހުންތެރިއަކަށް ހޮވުނީ ޓީމު ކޮރަލްސްގެ ރައިހާނާ ޙަސަނެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ނެއްލައިދޫ ބަށި ޓީމުގެ މަރިޔަމް ރިފާއެވެ.

އެންމެ މޮޅު ވެޓެރަންސް ކުޅުންތެރިއަކަށް ޓީމު ޒިގްޒެގުގެ އައިޝަތު މުފީދާ ހޮވުނުއިރު އެންމެ މޮޅު މެނޭޖަރަކަށް ހޮވުނީ ޓީމު ޒިގްޒެގުގެ މަރިޔަމް މޫސާއެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޓީމް ކޮރަލްސްގެ ޚަދީޖާ މުޙައްމަދެވެ.

މުބާރާތުގައި ވާދަކުރި ޓީމުތަކަކީ ދެތަނޑިމާ، ޓީމް ކޮރަލްސް، ޓީމް ޒިގްޒެގް، ނެއްލައިދޫ ބަށި ޓީމު އަދި ޓީމު މަގުލަސްއެވެ.

މި މުބާރާތަކީ އަތޮޅު ފެންވަރުގައި މީގެ ކުރިން ފޯރީގައި ކުޅެމުން އައި ބަށީގެ ފޯރި އަލުން ދިރުވުމުގެ މަގުސަދުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ. މި މުބާރާތް ކުރިއަށްދިޔައީ ޒަމާނީ ބަށިބޯލް އެސޯސިއޭޝަނުގެ އެހީތެރިކަމާއެކު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355