ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން ހދ އަތޮޅަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ބާއްވާ ބަށިބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
އަންނަ ޖުލައި މަހު 28 ން 30 އަށް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެވޭނީ 03 ޖުލައި ވަނަ ދުވަހުގެ 14:00 ގެ ކުރިން ގޫގުލް ފޯމެއް މެދުވެރިކޮށެވެ. އެ ފޯމް ކައުންސިލްގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.
އަދި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ޓީމް ލިސްޓް، 15 ޖުލައި ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށައެޅުމަށް ވަނީ އެދިފަ އެވެ.
ކުޅުދުއްފުށީ ކައުންސިލުން ކުރިން މި މުބާރާތް ބާއްވަން އިއުލާނުކުރީ މިދިޔަ މޭ މަހު ބާއްވާ ގޮތަށެވެ. ނަމަވެސް މިހާރު މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށެވެ.
މުބާރާތް ލަސްވެފައި މިވަނީ ރައީސް އޮފީހުގެ ވިޔަވަތި ކޮންފަރެންސް އެ ދުވަސްވަރު ކުޅުދުއްފުށީގައި ބޭއްވުމަށް ޝެޑިއުލްކޮށްފަ އޮތުމާ ގުޅިގެނެވެ. އެހެން ނަމަވެސް އެ ކޮންފަރަންސް މިއަދާހަމައަށްވެސް ބާއްވާފައެއްނުވެ އެވެ.
ބަށި ބޯޅަ ފައުންޑޭޝަންއިންވެސް ފަންނީ އެހީ ހޯދައިގެން ކުރިއަށްގެންދާ މި މުބާރާތުގައި 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ކުޅުމުގެ ފުރުސަތު ލިބޭނެކަމަށް މީގެ ކުރިން ކޭއޯއަށް ޑެޕިއުޓީ މޭޔަރު ވަނީ ވިދާޅޫވެފަ އެވެ. ޒަމާނުންސުރެން ކުޅުދުއްފުށީގައި ރަނގަޅަށް ކުޅެމުން އައި ނަމަވެސް މިހާރު އުވެމުންދާ ކުޅިވަރެއްކަމުން ވީހާވެސް ބޮޑަށް އަލަށް މި ކުޅިވަރަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދީގެން ޓީމުތައް ހެދުމަށް އިސްކަން ދިނުމަކީ މުހިންމު ކަމެއް ކަމަ އޭނާ ފާހަގަ ކުރި އެވެ.