އަޅުގަނޑުމެންނާ ދެން ބައްދަލު ކުރާ ހިޖުރީ ކަލަންޑަރުން 12 ވަނަ މަހުގެ ގޮތުގައި އޮންނަ ޒުލްހިއްޖާ ނުވަތަ ދިވެހިން ކިޔާނަމަ ހައްޖު މަހަކީވެސް މާތްﷲ ގެ ހަޟްރަތުގައި ސަވާބާއި ދަރުމައިގެ ގޮތުން އިތުރު މާތް މައްސަރެކެވެ. މިމަހުގެ ފުރަތަމަ 10 ދުވަހުގައި ކުރެވޭ ހެޔޮ އަމަލުތައް އަހަރުގެ އެހެން މަސްތަކަށްވުރެ މޮޅު އިތުރުވެގެންވާ ކަމުގައި ކީރިތި ރަސޫލާގެ ހަދީސްތަކުން އައިސްފައިވެއެވެ.
"މިއަދު ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަ ކޮށްދެއްވާއިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަ ކޮށްދެއްވާފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." (ސޫރަތުލް މާއިދާގެ 3)
ބަރަކާތާ ޙުރުމަތުގެ ގޮތުން މުސްލިމުންގެ ބައެއް މިސްކިތްތަށް އެހެން މިސްކިތްތަކަށްވުރެ މާތް ކުރައްވާފައިވެއެވެ. އަދި މާތް ކުރައްވާފައިވާ އެފަދަ މިސްކިތްތަކުގައި ކުރެވޭ ނަމާދުން ލިބޭ ދަރުމަވެސް އެހެން މިސްކިތްތަކަށްވުރެ އިތުރު ކުރައްވާފައިވެއެވެ. ބައެއް ދުވަސްތައް، ދުވަހުން ބައެއް ނުވަތަ ދުވަހުގެ ބައެއް ވަގުތުތައްވެސް މާތް ﷲ ބަރަކާތް އިތުރުކުރައްވާފައިވެއެވެ.
އެ ދުވަސްތަކުގައި ނުވަތަ ވަގުތު ތަކުގައި ކުރެވޭ ހެޔޮކަން ކުރިން ދެންނެވިހެން ދަރުމައިގެ ގޮތުން އިތުރުވެގެން ވެއެވެ. ހަމަ އެ ފަދައިން އަހަރުގައި ހިމެނޭ 12 މަހުގެ ތެރެއިން ބައެއް މަސްތަކަކީވެސް ބަރަކާތާއި ދަރުމަ އިތުރުކުރައްވާފައިވާ މަސްތަކެކެވެ.
އެގޮތުން އަޅުގަނޑުމެންނާ ދެން ބައްދަލު ކުރާ ހިޖުރީ ކަލަންޑަރުން 12 ވަނަ މަހުގެ ގޮތުގައި އޮންނަ ޒުލްހިއްޖާ ނުވަތަ ދިވެހިން ކިޔާނަމަ ހައްޖު މަހަކީވެސް މާތްﷲ ގެ ހަޟްރަތުގައި ސަވާބާއި ދަރުމައިގެ ގޮތުން އިތުރު މާތް މައްސަރެކެވެ. މިމަހުގެ ފުރަތަމަ 10 ދުވަހުގައި ކުރެވޭ ހެޔޮ އަމަލުތައް އަހަރުގެ އެހެން މަސްތަކަށްވުރެ މޮޅު އިތުރުވެގެންވާ ކަމުގައި ކީރިތި ރަސޫލާގެ ހަދީސްތަކުން އައިސްފައިވެއެވެ.
މުސްލިމުންނަށް ވާޖިބު ކުރައްވާފައިވާ އަޅުކަންތައްތަކުގެ ތެރޭގައި ހިމެނޭ ހައްޖުގެ އަޅުކަންތައް ކުރުން އޮންނަނީވެސް މިމަހުގައެވެ. އެއީ ކުޅަދާނަވެގެންވާ މީހާއަށެވެ. ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިނުވެވޭ މީހާއަށް ވެސް މިމަހުގެ މިދުވަސްތަކުގެ ބަރަކާތާ ދަރުމަ ލިބޭނޭ ދޮރުތައް ހުޅުވިފައިވެއެވެ.
1. މާތް ވެގެންވާ ހައްޖުގެ އަޅުކަން ކުރެވޭ މަސް ކަމުގައިވުން
2. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާވާލައްވަމުން އައި މާތްﷲ ގެ މަތިވެރި އިސްލާމްދީން ފުރިހަމަ ކުރައްވާ
ނިންމެވި މައްސަރު ކަމުގައިވުން
3. ޢަރަފާތް ދުވަސް މިމަހުގައި ހިމެނިފައިވުން
4. މުސްލިމުންގެ ދެ ޢީދުގެ ތެރެއިން އަޟްޙާ ޢީދު ވެސް އަންނަނީ މިމަހު ކަމުގައިވުން
އަދިވެސް މިމަސް މާތް ކުރައްވާފައިވާ ގިނަ ސަބަބުތައް ޢިލްމުވެރިން ގެނެސްފައިވެއެވެ. ވުމާއެކު މިފަދަ ބަރަކާތްތެރި މައްސަރަކާ ކުރިމަތިވަމުން އަންނަ ހިނދު އަޅުގަނޑުމެން މިކަންކަމަށް ސަމާލުކަންދީ ހެޔޮ އަމަލުތައް ގިނަކުރަން ގަދައަޅާ މަސައްކަތް ކުރަމާތޯއެވެ. ފާއިތުވި ރަމަޟާން މަހުގައި އަދާކުރި ހެޔޮ އަމަލުތައް އަލުން ދިރުވައި ނަފުސް ބައްޓަން ކުރަމާތޯއެވެ. މިއަހަރުގެ ފަރުޟު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ތަނަވަސް ވެފައިވީ ފަރާތްތަކުން އެއަޅުކަމުގެ ފުރިހަމަ ކާމިޔާބީ ލިބިގަތުމަށް މަސައްކަތް ފައްޓަވަންވީއެވެ.