ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ދިވެހި ޕްރިމިއާ ލީގުގެ ނޯތު ލީގުގެ ފުރަތަމަ މެޗުގައި މިއަދު ކުޅުދުއްފުށީގެ ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން ޓީމް ހަނިމާދޫ ބަލިކޮށްފި އެވެ.
މިއަދު ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މެޗު ޒިގްޒެގުން ކާމިޔާބުކުރީ 3 - 1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުން މި ލިބުނު މޮޅަކީ މުބާރާތުގައި ކުރިއަށް ދިއުމަށް ޒިގްޒެގަށް ލިބުނު ވަރަށް މުހިންމު މޮޅެކެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ވެސް ޒިގްޒެގުންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 8 އުސައިދު އަލީ (އުޕޭ) އެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަނިމާދޫގެ އާސިފް ސަލީމް (އާސިއްޕެ)ގެ ލަނޑުން ހަނިމާދޫއިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ދެވަނަ ހާފުގައި ޒިގްޒެގުގެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ޒިގްޒެގުން ކާމިޔާބުކުރި ދެވަނަ ލަނޑު ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 21 ޒައިދު މުހައްމަދެވެ. އަދި ތިންވަނަ ލަނޑުޖަހައިދިނީ ޖޯޒީ ނަމްބަރު 11 މުހައްމަދު ނަޝީދު (ފޯވާޑް) އެވެ.
ނޯތު ލީގުގައި މިއަދު ކުޅެވުނު އަނެއް މެޗުގައި އަމިއްލަ ދަނޑުގައި ދިއްދޫއިން ވަނީ އިހަވަންދޫގެ ކުލަބް ޕޯލް ސްޓަރއާ 1 - 1 ން އެއްވަރުވެފަ އެވެ. ނޯތް ލީގުގައި ބައިވެރިވެފައިވަނީ 16 ޓީމެވެ. 16 ޓީމް 4 ގްރޫޕަކަށް ބަހާލާފައިވާއިރު ޒިގްޒެގާއެކު ގްރޫޕް އޭގައި ހިމެނެނީ ޓީމް ހަނިމާދޫގެ އިތުރުން އިހަވަންދޫގެ ކުލަބް ޕޯލް ސްޓަރއާއި ދިއްދޫ ޓީމުގެ އިތުރުން ނެއްލައިދޫ އެވެ.
ދެރައުންޑަށް ބަހާލައިގެން ކުޅޭ ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ ޖުލައިމަހު 4 އާ ހަމައަށް ކުރިއަށްދާނެ އެވެ. މިމުބާރާތުގައި ޒިގްޒެގުން ދެން ކުޅޭ މެޗުގައި މިމަހުގެ 18 ވަނަ ދުވަހު ނުކުންނާނީ ޓީމް ނެއްލައިދޫއާ ދެކޮޅަށެވެ. މިމެޗު އޮންނާނީ 18 ވަނަ ދުވަހު ހަވީރު 4 ޖަހާއިރު ދިއްދޫ ފުޓްބޯޅަ ދަނޑުގަ އެވެ.