twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުރީގެ މަޖިލިސް މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން ހުށަހަޅައިފި

ނަބީލާ އިސްމާޢީލް
Jun 23, 2022

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ދައުލަތުން އިނާޔަތް ދޭން ނުޖެހޭ ގޮތަށް ހަދަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާ އުނިކުރުމަށެވެ.

އެ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ދައުރެއް ފުރިހަމަކޮށްފައިވާ މެމްބަރަކަށް އުމުރުން 55 އަހަރުވުމުން މާލީ އިނާޔަތެއްގެ ގޮތުގައި މަޖިލިސް މެމްބަރެއްގެ މުސާރައިގެ 30 ޕަސެންޓު ދައުލަތުން ދޭންޖެހެ އެވެ. އަދި މަޖިލިސް މެމްބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝޫރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ޖެހެ އެވެ. އަދި އޮފިޝަލް ޕާސްޕޯޓު ވެސް ހަމަޖައްސައިދޭން ޖެހެ އެވެ.

މިކަމާގުޅިގެން އެ ޕާޓިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް، ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ކަންކަން ނިންމަންޖެހޭ ކަމަށް ދެކޭ ކަމަށެވެ.

އަދި އެ ބިލަކީ ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ގައުމަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޕެންޝަނަރުންނަށް އެންމެ އިންސާފުވެރިކަމާއެކީ ޕެންޝަން ލިބޭނެގޮތް މަގުފަހިކޮށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް އެ ޕާޓީން ބުނެއެވެ. އަދި ދައުލަތަށް ޚިދުމަތް ކުރުމުން ޚިދުމަތުގެ އިނާޔަތް ދިނުމުގައި ހަމަހަމަކަން އޮންނަންވާނެ ކަމަށާ އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ އެކި ގާނޫނުތަކުގެ ދަށުން ޚިދުމަތުގެ އިނާޔަތުގެ ގޮތުގައި ދެވޭ ޚިދުމަތާ ނުބައްދަލު އިނާޔަތްތައް އުނިކުރުން ކަމަށް ބަޔާނުގައި ވެއެވެ.

އެ އިސްލާހުގެ ސަބަބުން ޕެންޝަން އުސޫލު އިތުރަށް ހަރުދަނާވެ، އިންސާފުވެރި އުސޫލެއްގެ ތެރެއިން ޕެންޝަންގެ ނިޒާމު ބައްޓަން ކުރުމަށް މަގުފަހިވުމުގެ އިތުރުން ދައުލަތުގެ ބަޖެޓަށް ކުރިއަށް އޮތް ތަނުގައި ނުއުފުލޭނެފަދަ ބުރައަކުން މިންޖު ކުރެވޭނެކަމަށް ގަބޫލު ކުރާ ކަމަށް ވެސް އެމްއެންޕީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355