މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނާއި އެސްޓީއޯ ކްރެޑިޓް ފެސިލިޓީއަށް އެދުމުގެ ފުރުސަތު މި އަހަރުތެރޭ ފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެޖެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުވެވަޑައިގެންފައިވާ ގޮތަށް 48 ގަޑި އިރު ތެރޭގައި މަސްވެރީންނަށް ފައިސާ ދެވޭނޭ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި މިހާރުވާނީ ޤާއިމުކުރެވިފައިކަމަށެވެ. އަދި ހަމަ އެހެންމެ ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީހުރި ފައިސާއާއެކު، މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ، ބެކްލޮގް އެއްކޮށް މިހާރު ވަނީ ހަލާސްކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.
“ދިވެހި މަސްވެރިކަމަކީ ދިވެހީންގެ އައިޑެންޓިޓީއާއި ދިވެހީންގެ ދެމި ތިބުމާ ގުޅިފައިވާ ޤުދުރަތީ އެންމެ މުހިންމު އެއް ހަދިޔާ. އެގޮތުން ދިވެހި މަސްވެރިކަމުގެ ސިނާއަތް ޒަމާނާ އެކަށޭނަހެން އަބަދުވެސް ކުރިއެރުވުމަކީ އެންމެ މުހިންމު އެއް ސިޔާސަތު.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށްޓަކައި، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމާއި، މަސް ޕްރޮސެސިންގ ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތްކުރުމާއި، ގދ. ތިނަދޫ، މ. މުލަކު، ގއ. ކޫއްޑޫ، އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖު ޤާއިމުކުރުމުގެ މަސައްކަތްތަކާއި ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިއަހަރު ކުރިއަށްދާނެކަމަަށެވެ.
" މީގެ ތެރެއިން ފެލިވަރާއި ގދ ތިނަދޫގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މިއަހަރު ނިމޭނެ. އަދި 2026ގައި ހުޅުމާލޭ ބޮޑުކަންނެލި ފެކްޓްރީއާއި، ހއ. އިހަވަންދޫ، މ. މުލަކުގެ ކޯލްޑް ސްޓޯރޭޖް އަދި ފެލިވަރު މަސް ޕްރޮސެސިންގ ޕްލާންޓުގެ މަސައްކަތް ނިމޭނެ އަދި ގދ. ފިޔޯރީ އާއި ފ. ނިލަންދޫގައި ޤާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖް އާއި މަސް ޕްރޮސެސިންގ ޕްލާންޓްތައް 2027ގެ ކުރީކޮޅު ނިމޭނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް މި ގެނެވޭ ޒަމާނީ ކުރިއެރުމާއި ނިޒާމީ ހަރުދަނާކަމުގެތެރޭން އެމަނިކުފާނު ވައުދުވެފައިވާ ގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރެއް އުފައްދާ، އެ ދަފުތަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 95 އިންސައްތަ ވަނީ ރަޖިސްޓަރީވެފައިކަމަށެވެ. އެގޮތުން މި ދަފްތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުޞަތާއި އެސް.ޓީ.އޯ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައިކުރުމުގެ ފުރުޞަތު މި އަހަރު ނިމުމުގެ ކުރިން ފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
" އަޅުގަނޑު ބޭނުންވަނީ ޤައުމީ މިފަދަ ކޮންމެ ދާއިރާއެއްގެވެސް ޚިދުމަތްތެރީން ދައުލަތުން ޝަރަފާއެކު ބަލައިގަނެ، މި ފަދަ އެތައް ފުރުޞަތެއް ފަހިކޮށްދޭން. މިއީ އެއް ޤައުމެއް. އެއް އާއިލާއެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ގޮންޖެހުންތަކަކީ ޒަމާންވީ މައްސަލައެއްކަމަށެވެ. އެގޮތުން އެ ކަން ހައްލުކުރުމުގެ ގޮތުން މިއަހަރު ތެރޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށް ދ. މީދޫ، ށ. ފުނަދޫ، ދ. ބަނޑިދޫ އަދި ސަޢުދީ ފަންޑުގެ ލޯން އެހީގައި ހއ. ދިއްދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ގދ. ރަތަފަންދޫ، އަދި އއ. ރަސްދޫގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން 100 ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް ބެހެއްޓުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްލާމިކް ފައިނޭންސްއިން ފެސިލިޓީއެއްގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރް.އެސް.ޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައިކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މަސްވެރިންނާ އޮޑިވެރީން އަދި އާންމު ފަރުދުންގެ ފައިދާއަށްޓަކައި މި އަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ ގެ ފިއުލް ސްކިޑް ޤާއިމުކޮށް އެސް.ޓީ.އޯ ރޭޓުގައި ޑީސަލް ތެޔޮ ވިއްކަން ފެށޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުއެވެ.