twitterviber whatsapp telegramfacebookyoutube instagram
21st February 2025

އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ރޯދަ އެލަވެންސް ދިނުމަށް ފާސްކޮށްފި

Feb 18, 2025

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު މި ބިލު ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.

އެ ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި 59 މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ބަލައިގެންފައެވެ. އެ ވޯޓުގައި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ. އެއާއެކު އެ ބިލު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އެ ދުވަހު ވަނީ ފޮނުވައިފައެވެ.

މިއަދު ވަނީ ބިލު ދިރާސާކޮށް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކޮށް، ވޯޓަށް އަހައިފައެވެ. 72 މެންބަރުންގެ ވޯޓާއެކު އެ ބިލު ވަނީ މަޖިލީހުން މިއަދު ފާސްކޮށްފައެވެ.

މި އިސްލާހު މަޖިލީހުން ފާސްކުރިއިރު މީގެ ކުރިން އދ. ދަނގެތީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ރަމަޟާން މަހުން ފެށިގެން ޑަބްލިއުޑީސީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ މެދު މިހާތަނަށް އަމަލުކޮށްފައިވަނީ ބޭއިންސާފުން ކަމަށެވެ.

އެ މަނިކުފާނުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުތު ހަމަވާ ބައެއް ކަމުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ގާނޫނަށް މި ބިލުގައި ވަނީ އިސްލާހުތައް ހުށަހަޅާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355