އިންޓަ ޕާލިމެންޓްރީ ސްޕީކާސް ކޮންފަރެންސްގައި ބައިވެރިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކެމްބޯޑިއާއަށް ފުރާވަޑައިގެންފިއެވެ.
އެ ކޮންފަރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 އިން 28 އަށް ކެމްބޯޑިއާގެ ފްނޮމް ޕެންގައެވެ.
ކޮންފަރެންސްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ސުލްހައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަގްވާމީ ގާނޫނުތައް ހަރުދަނާކުރުމާއި ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން މި މައުލޫއަށް، ވާހަކަދައްކަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވިއެވެ.
އަދި އެ ދަތުރުގައި އަބްދުއްރަހީމްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަހްމަދު ނިހާން ހުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓާ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
އައިއެސްސީއަކީ، ސުލްހައާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި، ހަމަނުޖެހުންތައް ހައްލުކުރުމުގެ އިތުރުން، ގުޅިފައިވާ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްއެކެވެ.




