twitterviber whatsapp telegramfacebookyoutube instagram
24th September 2026

އަލިފާނުގެ ތަހުގީގު ނުނިމޭ، އެކަމަކު ކަރަންޓު ޝޯޓެއް ކަން ދެނެގަނެވިއްޖެ: ފުލުހުން

Sep 24, 2026

މާލޭގެ ތިން މިނިސްޓްރީއެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު އަދި ނުނިމޭ ކަމަށާއި ނަމަވެސް އެކަން ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެން ކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޑިސެމްބަރު 12، 2024 ގައި ހިނގި އަލިފާނުގެ ހާދިސާ އަށް ދެ އަހަރުވާން ކައިރިވެފައި ވަނިކޮށް ފުލުހުން މިއަދު ވަނީ އެކަމާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބައެއް ސީސީޓީވީ ފުޓޭޖްތަކާއި ފުލުހެއްގެ ބޮޑީކެމް އިން ފެންނަ މަންޒަރުތަކެއް އަދި ފޮޓޯތަކެއް އާންމު ކޮށްފަ އެވެ.

އެކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕޮލިސް ސުޕްރިންޓެންޑެންޓް އަބްދުﷲ ރަޝީދު ވިދާޅުވީ އެ ހާދިސާގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށެވެ.

އެކަން މިހާ ދިގުލައިގެން ދިޔައީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުން މިހާރު ދެނެގަނެވިފައިވީ ނަމަވެސް އެ ހާދިސާގެ ވަށައިގެން ބަލަން ޖެހޭ އެތައް ކަމެއް ބަލަމުން ގެންދާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން މިހާރު ހުރީ އިދާރީ ބައެއް މަސައްކަތްތަކެއް ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

ފުލުހުން މިއަދު ދެއްކި ފުޓޭޖްތަކުން ފެންނަ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގައިގެން ފުރަތަމަ ހަރަކާތްތެރިވަމުން އައީ އެތަނުގެ ސެކިއުރިޓީ ގާޑެވެ. އެކަމަކު އޭނާ އުޅުނީ ފޯނުގައި ބެލެންސް ނެތިގެންނާއި އެކަމާ ގުޅިގެން ގުޅަން ޖެހޭނެ ފަރާތެއް ނޭނގިގެން މަގުމަތީ އެވެ.

އެ ބިދޭސީ މީހާ މަގުމަތިން މީހަކު ހުއްޓުވައި އެހީއަށް އެދުނު ކަމަށާއި އެއީ އޮފް ޑިއުޓީގައި ހުރި އެމްއެންޑީއެފްގެ އޮފިސަރެއް ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި އޭނާ އެ ބިދޭސީ މީހާއާއެކު އިމާރާތް ތެރެއަށް ވަދެ ބެލުމަށް ފަހު ފަޔާ އެންޑް ރެސްކިއު އަށް ގުޅަން އުޅުނު މަންޒަރު ކެމެރާ ފުޓޭޖްތަކުން ފެނެ އެވެ.

ރަޝީދު ވިދާޅުވި ގޮތުގައި އެތަނުގައި ފުރަތަމަ ފެނުނު އަލިފާން އެ ބިދޭސީ މީހާ ފެން އަޅައިގެން ނިއްވާލި އެވެ.

އޭގެ 30 އަކަށް މިނެޓު ފަހުން ސިފައިންގެ ވެހިކަލް އައިސް ހަރަކާތްތެރިވާ މަންޒަރު ފެނެ އެވެ. ސިފައިން އަންނަން އެހާ ލަސްވި ސަބަބު ބެލިތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އެކަމަށް ރަޝީދަށް ޖަވާބެއް ނުދެވުނެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ ބަލަން ޖެހޭ ކަންކަން ބެލި ކަމަށެވެ.

ފުލުހުން މިއަދު ދެއްކި ފުޓޭޖްތަކާއި ފޮޓޯތަކުން ކަރަންޓު ވަޔަރުތަކެއްގައި ވަރަށް ބޮޑަށް ރޯވެފައި ހުރި މަންޒަރުތަކާއި ސީލިންގުގައި ހުރި ލައިޓެއް ވިރިފައި ހުރި ތަން ދެއްކި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293