ރަށްރަށުގެ ބިންތައް ކައުންސިލްގެ އިހްތިސާސުން ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅައި ޕީއެންސީގެ ސުޕަ މެޖޯރިޓީގެ ތާއީދާއެކު މަޖިލީހަށް ބަލައިގަތް އެ ބިލު ފާސް ކުރަން ފެންނަ ކަމަށް މިއަދު ވޯޓު ދެއްވީ 49 މެންބަރުންނެވެ. އަދި އެކަމާ ދެކޮޅަށް އެމްޑީޕީގެ 11 މެންބަރަކު ވޯޓު ދެއްވި އެވެ.
އެ ބިލުގައި ބުނާ ގޮތުން ސަރުކާރުން ރަށެއްގެ ބިމެއްގައި ތަރައްގީގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ނަމަ އެކަން ކެބިނެޓުން ފާސް ކުރާ ހިސާބުން ކައުންސިލުގެ އިހްތިސާސުން އެ ބިން ބޭރުވާނެ އެވެ. އަދި އެކަމާ އެއްވެސް ދެކޮޅުވެރިކަމެއް ނުދެއްކޭނެ ކަމަށާއި ސަރުކާރުން ހިންގާ މަޝްރޫއަށް ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
އެކަމާ ދެކޮޅަށް 2300 އަށް ވުރެ ގިނަ މީހުން ސޮއިކޮށް މަޖިލީހަށް ޕެޓިޝަނެއް ވަނީ ހުށަހަޅައިފަ އެވެ. އެ ޕެޓިޝަން ހުށަހެޅުމާއެކު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވެސް ވަނީ އެ ބިލު ފާސް ކުރަން ގޮވާލާ ޕެޓިޝަނެއްގެ މަސައްކަތް ފަށައިފަ އެވެ.
ނަމަވެސް އެއް މައުޟޫއަކަށް ދެ ޕެޓިޝަނެއް ހުށަހަޅަން މަޖިލީހުގެ ގަވާއިދު ތަން ނުދޭތީ ޕީއެންސީން ވަނީ މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަށް ފަހު އެ ޕެޓިޝަން ވެސް ހުށަހަޅައި މަޖިލީހުގައި ބަހުސް ކޮށްފަ އެވެ.




