އދ. ގެ އާންމު މަޖިލިހުގެ 81 ވަނަ ސެޝަންގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގްރީރު ކުރަން ފެށުމާއެކު، ރާއްޖެ އާއި އެހެން ގިނަ ގައުމުގެ ވަފުދުތައް މާލަން ދޫކޮށް ނުކުމެއްޖެ އެވެ.
ނަތަންޔާހޫ އ.ދ ގައި ތަގުރީރު ދޭން ފެށުމުން ގިނަ ގައުމުތަކެއްގެ މަންދޫބުން ޖަލްސާ ދޫކޮށް ނުކުތީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ.
އެގޮތުން އާންމު މަޖިލީހުގެ ބަހުސްގައި ވާހަކަ ދައްކަން ނަތަންޔާހޫ ޕޯޑިއަމް ކައިރިއަށް އަރާ ހަމަވުމާއެކު، ގިނަ ގައުމުތަކުގެ ވަފުދުތައް ގޮނޑިން ތެދުވެގެން މާލަމުން ނުކުންނަން މިސްރާބު ޖަހާ މަންޒަރު ފެނެ އެވެ. އޭގެތެރޭގައި ރާއްޖޭގެ ވަފުދު ވެސް ހިމެނެ އެވެ.
ނަތަންޔާހޫ ތަގުރީރު ކުރިއަށް ގެންދިޔައިރު ޖަލްސާ ކުރާ މާލަން އޮތީ ގާތްގަނޑަކަށް ހުސްކޮށެވެ.
އ.ދ ގައި ތަގުރީރު ކުރަން ނަތަންޔާހޫ އަށް ފުރުސަތު ދިނުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެގެން ގޮސްފަ އެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 73،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.




