ރާއްޖެ އާއި ބެލަރޫސްގެ ރައްޔިތުންނަށް ދެ ގައުމުގެ މެދުގައި ވިސާއާ ނުލައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ މަތީ ފަންތީގެ ބައްދަލުވުންތަކުގެ ހަވާސާގަ އެވެ.
ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. ބެލަރޫސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު މެކްސިމް ރީޒެންކޯފެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ވިސާއަކާ ނުލައި ބެލަރޫސްއަށް ދަތުރުކޮށް، އެ ގައުމަށް އެތެރެވާ ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް ތިބެވޭނެ ކަމަށެވެ. އަދި ބެލަރޫސްގެ ރައްޔިތުންނަށް ވެސް ވިސާ ނެގުމަކާ ނުލައި ހަމަ އެ މުއްދަތަށް ރާއްޖެ އަށް ދަތުރު ކުރެވޭނެ އެވެ.
މީގެ އިތުރުން، އެއް އަހަރު ދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާނޭހެން ވިސާއާ ނުލައި ހުރެވޭނެ އިންތިޒާމުވެސް އެއްބަސްވުމުގެ ދަށުން ހަމަޖެހިފައިވެ އެވެ.




