twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހާރިޖީ މަސްލަހަތު ނަގާލުން ޖިނާއީ ކުށަކަށް ހަދަނީ

ނަބީލާ އިސްމާޢީލް
Jun 23, 2022

ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ސަރުކާރުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއާންމާއި ރައްކާތެރިކަމާއި އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި، ހާރިޖީ މަސްލަހަަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރަން އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

އެ ބިލުގައިވާ ގޮތުން އެހެން ގައުމެއްގެ ދިދައަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލު ގެނައުމަކީ ޖިނާއީ ކުށެކެވެ. އަދި އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސައަކަށް ގެއްލުން ދިނުން ނުވަތަ ގޮވާލުމާ އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުމާ އެކަން ކުރަން ގޮވާލުމަކީ ވެސް ކުށެކެވެ. މީގެ އިތުރުން އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުމަކީ ވެސް އެ ބިލުގައިވާ ގޮތުން ކުށެކެވެ.

އޭޕްރިލް މަހުގެ 21ގައި ރައީސް ސޮއި ކުރައްވާ "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ގެ ނަމުގައި ގަރާރެއް ނެރުއްވާފައިވެއެވެ.

އެ ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށާއި އޭގެ ސަބަބުން ގައުމަށް ނުރައްކާ އޮތް ކަމަށް ގަރާރުގައިވެއެވެ.

އަދި "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ހަމަޖެހުން ގެއްލި، އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި ދާނެ ކަމަށްވެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ވެސް ގަރާރުގައިވެއެވެ.

އެ ގަރާރު ނެރެފައިވީ ނަމަވެސް އިދިކޮޅުން ދަނީ ހުއްޓުމެއްނެތި އިންޑިއާ އައުޓް ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ގޭގޭގައި ބެނާ ދެމުމާއި ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމާއި "އިންޑިއާ އައުޓް" ޖަހާފައިވާ ކަރުދާސް މަގުމައްޗަށް އެޅުން ފަދަ ކަންތައްތައް އެ ކެމްޕޭންގެ ބައިވެރިން ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355