ނެޝަނަލް ހެލްތު ލެބޯޓްރީ އަޅަން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން 19.4 މިލިއަން ޑޮލަރު (299 މިލިއަން ރުފިޔާ)ގެ ލޯނެއް ސަރުކާރުން ނަގައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ލޯނު ނެގީ ލެބޯޓްރީ އާއި އަތޮޅު ތެރޭގައި އައިސޮލޭޝަން ފެސިލިޓީތައް ހެދުމަށް ކަމަށެވެ. އެ ލޯނަކީ ކޮންސެޝަނަލް ލޯނެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިއީ މިދިޔަ އަހަރު އީއައިބީ އިން ތައާރަފްކުރި "ސައުތު އޭޝިއާ ޕަބްލިކް ހެލްތު ކެއާ ކޮވިޑް 19 ޕްރޮގްރާމު ލޯން"ގެ ދަށުން ރާއްޖެއަށް ދޫކުރި ލޯނެކެވެ.
ލޯން އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިއަދު ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެވެ. އީއައިބީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އީއައިބީގެ ގްލޯބަލް ޕާޓްނާޒް ޑައިރެކްޓާ މާރިއާ ޝޯ އެވެ.
Government of Maldives has today signed a concessional loan of EUR 18.4million with European Investment Bank (EIB) for establishing a National Health Laboratory and isolation facilities in the atolls. @EIB pic.twitter.com/unkc9375EP
— Ministry of Finance (@MoFmv) June 22, 2022
ފިނޭންސް މިނިސްޓްރީން ބުނީ ލޯން ދައްކާ ހަލާސްކުރަންޖެހެނީ ދިގު މުއްދަތަކަށް ބަހާލައިގެން ކަމަށެވެ. ލޯން ދައްކާ ނިންމަންޖެހޭ މުއްދަތެއް އަދި އިންޓަރެސްޓްގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.
މިލޯން ބޭނުންކުރެވޭނީ ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކާ އެކު ގައުމީ ހެލްތު ލެބޯޓްރީއެއް ގާއިމުކޮށް، އަތޮޅު ތެރޭގައި އިންފެކްޝަން ޑިޒީޒް ވޯޑްތަކެއް ގާއިމުކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. މިގޮތުން 18 ރަށެއްގައި އައިސޮލޭޝަން ފެސިލިޓީތައް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މިމަޝްރޫއުގެ ސަބަބުން ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމު އިތުރަށް ޒަމާނީކޮށް ލާމަރުކަޒީ ކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށްވެސް ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ވަނީ އެއް ބިލިއަން ރުފިޔާގެ ލޯނެއް ނަގާފަ އެވެ.