twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރައީސް ރުވާންޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަންނަވައިފި

ނަބީލާ އިސްމާޢީލް
Jun 27, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރުވާންޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރުވާންޑާއަށް ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަކީ، 1 ފެބްރުއަރީ 2020ގައި ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްފަހުގައި ބޭއްވި، ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.

ޖޫން 20 އިން 25 އަށް ރުވާންޑާގެ ކިގާލީގައި ބޭއްވި ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022ގެ ޝިއާރަކީ "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" މި އެވެ. މިބައްދަލުވުމުގައި ކޮމަންވެލްތުގެ 54 މެމްބަރު ޤައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެން، މެމްބަރު ޤައުމުތަކުގެ ގުޅުން ވަރުގަދަކުރުމާއި، މުސްތަޤުބަލުގެ ޖީލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އައު ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ވަނީ މަތީފަންތީގެ ބައްދަލުވުންތައް ބާއްވައި ވިޔަފާރި އާއި، ސިއްހަތާއި، މޫސުމާ ގުޅޭ އެކި މައުލޫތަކުގައި މަޝްވަރާ ކުރައްވާފައެވެ.

ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި މޮރިޝަސްގެ ބޮޑުވަޒީރާއެކު ވަނީ ބައްދަލުކުރެއްވުންތައް ބާއްވާފައެވެ. މިބައްދަލުކުރެއްވުންތަކުގެ މަގުސަދަކީ، ޤައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި، ދޭދޭ ޤައުމުތަކުގެ މަސްލަހަތު ކުރިއަރުވައި، ބައިނަލްއަޤުވާމީ މައްސަލަތަކަށް ހައްލު ހޯދުމުގައި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމެވެ.

ރައީސް ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، މިސަރުކާރުން ޑިމޮކްރަސީއާއި، ފާގަތިކަމާއި ސުލްޙަމަސަލަސްކަން ފަދަ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގުޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެއްބާރުލުންދީ، ބައިނަލްއަޤްވާމީ މުޖުތަމައާއެކު މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355