twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހުރިހާ މެޗަކުން މޮޅުވެ ދިއްދޫ އެއްވަނަ ޑިވިޝަނަށް، ދެވަނައިގައި ކުޅުދުއްފުށި

މުޙައްމަދު އަހުމަދު
Jul 5, 2022
2

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ނޯތު ލީގުގައި ހުރިހާ މެޗަކުން މޮޅުވެ ދިއްދޫ އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވީއިރު ދެވަނައިގައި ކުޅުދުއްފުށި ވެސް އެއްވަނަ ޑިވިޝަނަށް ދަތުރުކޮށްފި އެވެ.

އިއްޔެ ހަވީރު ދިއްދޫއިން ވަނީ އަމިއްލަ ދަނޑުގައި ކުޅުދުއްފުށި ބަލިކޮށްފަ އެވެ. ކުޅުދުއްފުށީގެ ޒިގްޒެގުގެ މައްޗަށް ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބުން ކުރިހޯދީ 3 - 1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ފޯރިގަދަ ކުޅުމެއް ފެނުނުއިރު މެޗުގައި ވަނީ ހަމަނުޖެހުން ވެސް ހިނގާފަ އެވެ.

ދިއްދޫއަށް ޕެނަލްޓީއެއް ދިނުމުގެ ސަބަބުން ކުޅުދުއްފުށީގެ ކުޅުންތެރިންނާ އޮފިޝަލުން ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި މި ހަމަ ނުޖެހުމުގެ ސަބަބުން ރެފްރީ މެޗު ވަނީ ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާފަ އެވެ.

މިމެޗުގައި ކުޅުދުއްފުށީގެ މުޅި ބެންޗަށް ރީނދޫ ކާޑު ދެއްކިއިރު ދެ އޮފިޝަލަކަށް ވަނީ ރަތްކާޑު ވެސް ދައްކާފަ އެވެ. އަދި ކުޅުދުއްފުށީ ޓީމަށް ކުޅޭ ޖޯޒީ ނަމްބަރު 16 ހުސެއިން ވިޝާލާއި ޖޯޒީ ނަމްބަރު 14 މުހައްމަދު ހުޝާމް (ހުއްޓެ) އަށް ވެސް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މީގެ އިތުރުން ޓީމުގެ 4 ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދެއްކި އެވެ.

މެޗުގެ ފުރަތަމަ ލަނޑަކީ ދިއްދޫގެ ޖަޑާ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ 3 - 1 ން ދިއްދޫ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެން ކުޅުދުއްފުށީގެ އަބްދުއްރަހީމް އަބޫބަކުރު ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ދިއްދޫގެ ދެވަނަ ލަނޑު ހުސެއިން ޝިފާހް ޖެހިއިރު 3 ވަނަ ލަނޑު ޖަހައިދިނީ ތައުމީން ނޫހު އެވެ.

މިއަދު ކުޅެވުނު އަނެއް މެޗުގައި ހަނިމާދޫއިން ވަނީ 5 - 2 ން އިހަވަންދޫ ބަލިކޮށްފަ އެވެ. މިމެޗުގައި ހަނިމާދޫގެ ލަނޑުތައް ޖަހައިދިނީ އަލީ ހައިޝަމް، އަހްމަދު ޒަޔާން، ނައުފަލް އަބްދުލްރައޫފްގެ އިތުރުން އާލިފް އިބްރާހިމާއި އާސިފް ސަލީމެވެ. އިހަވަންދޫގެ ދެ ލަނޑު ވެސް ޖަހައިދީފައިވަނީ އަހްމަދު ޔާސިރެވެ.

މިއާއެކު މުބާރާތުގައި ދިއްދޫއާއި ކުޅުދުއްފުށި އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވިއިރު ހަނިމާދޫ، އިހަވަންދޫ އަދި ނެއްލައިދޫއަށް ވަނީ އެފުރުސަތު ގެއްލިފަ އެވެ. މުބާރާތުގައި އަދި އެއް މެޗު ކުޅޭނެ އެވެ. އެއީ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކުރި ކުޅުދުއްފުއްޓާ އިހަވަންދޫ ބައްދަލުކުރާ މެޗެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355