twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މެޕްސް ކޮލެޖްގެ 2022 ވަނަ އަހަރުގެ ދަސްވެނިވުން ބާއްވައިފި

Jul 5, 2022

މެޕްސް ކޮލެޖްގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި އިއްޔެ ބާއްވައިފިއެވެ.

2 ދަންފަޅިއަކަށް ބަހާލައިގެން 200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގެ ޝަރަފުވެރި މެހެމާނަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން މުހައްމަދު ހާޝިމެވެ.

ދެވަނަ ދަންފަޅީގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ހަރ އެކްސެލެންސީ ކެރޮން ރޮޝަރ އެވެ.

އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މެޕްސް ކޮލެޖުގެ އަމިއްލަ ކޯސްތަކުން ދަސްވެނިވި ދަރިވަރުންނާއި، އިނގިރޭސި ވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވް (އޭ.ބީ.އީ)، އެސޯސިއޭޝަން އޮފް ޗާރޓަރޑް ސެޓިފައިޑް އެކައުންޓަންޓްސް (އޭ.ސީ.ސީ.އޭ)ގެ ކޯސްތައް ފުރިހަމަކޮށްފައިވާ ދަރިވަރުން ބައިވެރިވިއެވެ. އަދި އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް (އޭ.އައި.ބީ)ގެ ޑިގްރީ އާއި މާސްޓަރސް ފުރިހަމަކުރި ދަރިވަރުންވެސް މިރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ދެވަނަ ދަންފަޅި ހާއްސަ ކުރެވިފައިވަނީ މެޕްސް ކޮލެޖުގެ ފަރާތުން ހިންގަމުންދާ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ ކޯސްތަކުން ދަސްވެނިވި ދަރިވަރުންނަށެވެ. މިގޮތުން ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާސްޓަރ އޮފް ބިޒްނަސް (ފައިނޭންސް) އަދި މާސްޓަރ އޮފް ބިޒްނަސް (ހޮސްޕިޓަލް އެންޑް ހެލްތް ސަރވިސަސް މެނޭޖްމަންޓް) ކޯސްތައް ފުރިހަމަކޮށްފައިވާ ދަރިވަރުންގެ ތެރެއިން 100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޕްސް ކޮލެޖުގެ ޑެޕިއުޓީ ރެކްޓަރ ފާތިމަތު ރަޝީދު ވިދާޅުވި ގޮތުގައި މެޕްސް ކޮލެޖުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރަނީ ވީހާވެސް ގިނަ ދަރިވަރުންނަށް މަތީ ތައުލީމުގެ ގިނަ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށެވެ.

މިގޮތުން ވިޔަފާރިއާގުޅޭ 7 ދާއިރާއިން ދަރިވަރުން ކޮލެޖަށް ހާޒިރުވެގެންނާއި އޮންލައިންކޮށް ކާމިޔާބުކަމާއެކު ކިޔަވައިދެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ދަރިވަރުންނާއި މުހާތަބް ކުރައްވާ، މެޕްސް ކޮލެޖުގެ ދަސްވެނިންނަކީ ޤައުމަށް ހިދުމަތްތެރި ބަޔަކަށް ވުމަށް އިލްތިމާސްކުރެއްވިއެވެ.

މުހައްމަދު ހާޝިމްގެ ވާހަކަފުޅުގައި ދަސްވެނިވި ދަރިވަރުން އަދި ހުރިހާ ދަރިވަރުންވެސް ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި އެލަނޑުދަނޑިތައް ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ގޮވާލެއްވި އެވެ.

ރާއްޖޭގައި ތިބެގެން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝަޔަރގެ ކޯސްތައް ފުރިހަމަކުރުމަށް ދަރިވަރުންނަށް ފުރުސަތު ހޯދައިދިނުމަކީ ކޮލެޖު ފަހުރުވެރިވާ ކަމެއް ކަމުގައި ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޕްސް ކޮލެޖުގެ ވައިސް ރެކްޓަރ މެތިއު ސްޓްރީޓް ވިދާޅުވި އެވެ. އަދި ކޮންމެ ދަރިވަރަކުވެސް އެދަރިވަރަކު ހާސިލުކުރި ސެޓްފިކެޓުގެ ސަބަބުން އަމިއްލަ ހަޔާތަށާއި، އާއިލާއަށް އަދި މުޖުތަމައަށް ގެނުވަން ބޭނުންވަނީ ކޮންކަހަލަ ބަދަލެއްކަމާއި ދޭތެރޭ ފުންކޮށް ވިސްނާ އެބަދަލު ގެނައުމަށް އިސްނަގައި މަސައްކަތްކުރުމަށް ނަސޭހަތްތެރިވެލެއްވިއެވެ.

ދެވަނަ ދަންފަޅީގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވި އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ހަރ އެކްސެލެންސީ ކެރޮން ރޮޝަރގެ ވާހަކަ ކޮޅުގައި ދަރިވަރުންނަކީ އަބަދުވެސް ކަންތައްތަކާ ދެތެރޭ ވިސްނާ، 'ސެލްފް ޑެވެލޮޕްމަންޓް' އަށް އިސްކަންދޭ ބަޔަކަށްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމާއި ދޭތެރޭ ފުންކޮށް ވިސްނާ، ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ފަރުދީ ގޮތުން ކުރެވެން އޮތީ ކޮންކަމެއްތޯ ބަލައި އެކަންތައްތައް ކުރުމަށް ދަސްވެނީންނަށް އިލްތިމާސްކުރެއްވި އެވެ.

މިއަހަރުގެ ދަސްވެނިންގެ ތެރެއިން އެކިއެކި ކޯސްތަކުން ވަނަތައް ހާސިލްކުރި ދަރިވަރުންނަށްވެސް އިއްޔެ ހެނދުނާއި ރޭގައި ބޭއްވުނު ރަސްމިއްޔާތުގައި އިނާމުދެވުނެވެ. އަދި ކޮލެޖަށް ތަފާތު ގޮތްގޮތުން ހިދުމަތްކުރެއްވެވި ފަރާތްތަކަށްވެސް އެވޯޑްދެއްވުންއޮތެވެ.

މެޕްސް ކޮލެޖަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުން އަންނަ މަރުކަޒެކެވެ. ރާއްޖެއިން ބޭރުގެ ތަފާތު ކޮލިފިކޭޝަންތަކާއި، މެޕްސް ކޮލެޖްގެ އަމިއްލަ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު އެކޮލެޖުން ފަހިކޮށްދެއެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އެމް.ކިއު.އޭ. ގެ ހުއްދައާއެކު އޮންލައިންކޮށް ގިނަ ކޯސްތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ކޮލެޖެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355