އީދު ދުވަހު އުޟްޙިޔާ ކަތިލުމުން ލިބޭ ސަވާބާއި ދަރުމާގެ ވާހަކަތަކާއެކު ތަނަވަސްކަން ލިބިގެންވާ މީހުން އީދު ދުވަހު އުޟްހިޔާ ކަތިލުމަށް މިއަދުގެ ހުކުރު ހުތުބާގައި ބާރުއަޅައިފި އެވެ.
ހުތުބާގައި ބުނީ، އީދު ދުވަހަކީ އުޟުހިޔާގެ ދުވަސް ކަމަށާއި އުޟުޙިޔާ ކަތިލުމަކީ ނުވަތަ ޤުރުބާން ކުރުމަކީ، ހައްޖުމަހުގެ ދިހަވަނަ ދުވަހު އިރު އެރީއްސުރެ ތޭރަ ވަނަ ދުވަހުގެ އިރު އޮއްސިއްޖައުމަށް ދާނދެން ﷲ ގެ މަގުގައި ހެރި ބަކަރި، ޖަމަލު ފަދަ ނަޢަމްސޫފި ޤުރުބާން ކުރުން ކަމަށެވެ.
އަދި އުޟުހިޔާ ކަތިލުމަކީ ތަނަވަސްކަން ލިބިގެންވާ މީހުންނަށް ގަދަވެގެންވާ ސުންނަތެއް ކަމަށާއި އެކަމުން ގިނަގުނަ ސަވާބު ހުރިކަމެއް ކަމަށެވެ.
"އުޟްޙިޔާ ކަތިލުމަށް ވުރެ ﷲ ތައާލާތް ލޯބިވެ ވޮޑިގެންވާ އެހެން އެއްވެސް ކަމެއް އީދު ދުވަހު އެއްވެސް މީހަކު ނުކުރާނެ އެވެ. ހަމަކަށަވަރުން އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ އެއްޗެއް ޤިޔާމަތްދުވަހު އެ އެއްޗެއް ޤުރުބާން ކުރި މީހަކަށް ފާފަ ފުއްސެވުމަށް އެދިގެން އޭގެ ކެހެރިތަކާއި ދަޅުތަކާއި މޮށްގަނޑުތަކާއެކު އަންނަ ހުއްޓެވެ. އުޟްޙިޔާ ކަތިލުމުން އޮހޮރިންގެންދާ ލޭ، ބިމުގައި ޖެހުމުގެ ކުރިން އެ މީހެއްގެ ފާފަ ފޮހެވޭނެ އެވެ. ފަހެ ތިޔަބައި މީހުން ތެދު ނިޔަތުގައި ހިތް ނިޔަތް ޚާލިޞްކޮށްގެން ﷲ އަށްޓަކައި އުޟްޙިޔާ ކަތިލާށެވެ." ރަސޫލާ ﷲ ހަދީސްކުރައްވާފައިވެ އެވެ.
އަރަފާތުގެ ދުވަހުގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލާފައިވާ ހުތުބާގައި ބުނީ، ހެޔޮ އަމަލުކުރުމަށް ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވާ ކަމަށެވެ.
ކީރިތި ޤުރުއާނާ ރަސޫލާގެ ހަދީސްތަކުން ހެއްކި ދައްކަމުން ހުތުބާގައި ބުނީ، ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަކަށްވުރެ ވެސް ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން އިތުރުވެގެންވާ ކަމަށާއި ނަމަވެސް ރޭތަކުގެ ތެރެއިން ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައް ހައްޖުމަހުގެ ފުރަތަމަ ދިހައިގެ ރޭތަކަށްވުރެ މާތްވެގެންވާ ކަމަށެވެ.
ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ ޢަރަފާތް ދުވަސް ކަމަށާއި އެ ދުވަހު ޢަރަފާތުގެ ބިމަށް ޖަމާވެފައި ތިބޭ ހައްޖުވެރިންގެ ފާފަތައް މާތްﷲ ފުއްސަވައި ދެއްވާނެކަމަށް ހުތުބާގައި ބުންޏެވެ. އަދި އެއީ ޢަފޫ ކުރެއްވުމުގެ ދުވަހެއްކަމަށާއި ނަރަކައިން ދިންނަވައި މުއްތިކުރެއްވުމުގެ ދުވަހެއް ކަމަށެވެ.
މާތްﷲ ގެ އޯގާވަންތަކަމާއި ތަނަވަސް ރަހުމަތުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުންވެސް ޢަރަފާތް ދުވަހުގެ ސަވާބުން މަޙްރޫމެއް ނުވާނެ ކަމަށެވެ. ހުތުބާގައި ބުނީ ހައްޖަށް ދިޔުމުގެ ނަސީބު ނުލިބޭ މީހުން ޢަރަފާތް ދުވަހުގެ ރޯދަހިފުން މޮޅު އިތުރުވެގެންވާ ކަމަށެވެ.
އަދި މާތްﷲ ހަނދުމަކޮށް، ދުއާ ކުރުމުގައި ގިނަ ވަގުތު ހޭދަކުރަން މޮޅު އިތުރުވެގެންވާ ކަމަށާއި އަރަފާތް ދުވަހު ރޯދަ ހިފުމަކީ ފާއިރުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭކަމެއް ކަމަށެވެ. އަރަފާތު ދުވަހު ފާފަ ފުއްސެވުން އެދި ގިނަގިނައިން ދުޢާ ކުރުމަށް އަންގާފައިވެ އެވެ.
އަރަފާތު ދުވަހަކީ ހައްޖުގެ އަޅުކަމުގެ ހިމެނޭ އެންމެ މުހިއްމު ރުކުން އަދާކުރާ ދުވަސްކަން ފާހަގަކޮށް ހުތުބާގައި ބުނީ އެންމެހާ ހައްޖުވެރިން އަރަފާތުގައި ތިބެ ﷲ ތައާލާގެ ރަހުމަތާއި މަޤްފިރަތާއި ދިންނެވުމަށް އެދި ދުއާކުރާ ދުވަސް ކަމަށެވެ. އެ ދުވަހުން ﷲ ތައާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން، އުޑުގެ އަހުލުވެރިންގެ ގާތުގައި ބިމުގެ އަހުލުވެރިންނާ މެދު ފަހުރުވެރިވެ ވޮޑިގަންނާވާނެ ކަމަށް ރަސޫލާ ހަދީސްކުރައްވާފައިވެ އެވެ.
"ﷲ ގެ ޙަޟްރަތުގައި އަރަފާތު ދުވަހަށްވުރެ މާތްކަން ބޮޑު ދުވަހެއް ނުވެ އެވެ. އެ އެ ދުވަހު ﷲ ތައާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން، އުޑުގެ އަހުލުވެރިން ގާތުގައި ބިމުގެ އަހުލުވެރިންނާމެދު ފަހްރުވެރިވެ ވޮޑިގަންނަވާނެތެވެ. އެހިނދު ވަޙީ ކުރައްވާނެތެވެ. ތިޔަބައި މީހުން ތިމަންރަސްކަލާނގެ އަޅުންނަށް ނިކަން ބަލައިބަލާށެވެ! އެ ބައިމީހުން ތިމަން ރަސްކަލާނގެ ޙަޟްރަތަށް އައިސް އެތިބީ ބޯހޭވި، ހިރަފުހުން ތަތްތެޅި، ކާރޫބާރޫ ބޮޑުކަމުގެ ތެރޭގަ އެވެ. އެ ބައި މީހުން އައިސްފައި އެތިބީ ދުރު ހިސާބުތަކުންނެވެ. އެބައިމީހުން ތިމަންރަސްކަލާނގެ ކޯފާ ނުދެކި، ތިމަންރަސްކަލާނގެ ރަހުމަތަށް އެދެ އެވެ. އަރަފާތް ދުވަހަށްވުރެ ގިނައިން މީސްތަކުން ނަރަކައިން މުއްތިކުރެއްވޭނެ އެހެން ދުވަހެއް ނުވެ އެވެ." ކީރިތި ޤުރުއާނާ ރަސޫލާގެ ހަދީސްތަކުގެ އަލީގައި ހުތުބާގައި ހިމަނާފައިވެ އެވެ.
އަދި ހަމަ އެފަދައިން ﷲ ތައާލާތް އެކަލާނގެ އަޅުތަކުންގެ ފާފަތައް ފުއްސައިދެއްވާނެކަން އަންގަވައި އަރަފާތް ދުވަހު މަލާއިކަތުންނަށް ވަޙީކުރައްވާނެތެވެ.
"ފަހެ، ހަމަކަށަވަރުން ތިމަން ރަސްކަލާންގެ ތިޔަ ބޭކަލުން ހެކިކުރައްވައި އެބައި މީހުންގެ ފާފަ ފުއްސައި ދެއްވައިފީމެވެ."