އަބަދުވެސް އެންމެ ފޯރީގައި އީދު ފާހަގަކުރާ އެއް ރަށަކީ ކުޅުދުއްފުއްޓެވެ. އަމިއްލަވަންތަ ކުޅިވަރުތަކާއި ސަގާފީ ތަފާތު ކުޅިވަރުންތަކުން ފެށިގެން މިއުޒިކް ޝޯތައްވެސް އެންމެ ފޯރިގަދަކޮށް ގެންގޮސްފައިވަނީ މިރަށުގައި ބުންޏަކަސް ދޮގަކަށް ނުވާނެ އެވެ. އެކަމަކު ސިޔާސީ އޮއިވަރާއި ދީނީ ތަފާތު ހިޔާލުތަކާއެކު އެ ފޯރިއާއި އެއްބައިވަންތަކަން ފަޑުވެ ކުޅިވަރުތައް މަޑުޖެހުމެއް އައި އެވެ.
އެކަމަކު މަޑުމަޑުން ރައްޔިތުންނަށް ހެޔޮވިނިސް އީދުގެ އެ ފޯރި ގަދަވި އެވެ. އެގޮތުން މި އީދަކީ ކުޅުދުއްފުއްޓަށް ފޯރިގަދަ، ރައްޔިތުން އެކުވި އީދެކޭ ބުނެވިދާނެ އެވެ. މިއަހަރު އީދުގެ ފޯރިގަދަވެފައިވާއިރު ރަށުތެރެއިން ފެންނަނީ ވަކި އުމުރެއް ނެތި އެކި ކުޅިވަރުތަކުގައި ރައްޔިތުން ބައިވެރިވެ އީދުގެ އުފާ ލިބިގަންނަ މަންޒަރެވެ.
މި އީދުގައި ކުޑައިރުގެ ހަނދާންތައްވެސް އާވި އެވެ. 90 ގެ އަހަރުންތަކުގެ ފެށިގެން ސިޔާސީ ޕާޓީތައް އުފެއްދުމާ ހަމައަށްވެސް ކުޅުދުއްފުށީގައި ތިން އަވަށުގައި ސްޓޭޖް އަޅައިގެން ފޯރިގައި އީދު ފާހަގަކުރެ އެވެ. ރަށާއި ރަށުން ބޭރުން ރަނގަޅު މިއުޒިކް ގުރޫޕްތަކާއި ނަށާ ގުރޫޕްތައް ގެނެސް އީދުގެ ފޯރިނަގަ އެވެ. ރައްޔިތުންގެ އަތުން ޗަންދާ ނަގައިގެން، ރައްޔިތުން ނުކުމެ އެޅި އެ ބޮޑެތި ސްޓޭޖްތަކުން ހާމަކޮށްދިނީ ދިވެހިންގެ އެއްބައިވަންތަކަމެވެ.
އޭރު ނެގި އެ ފޯރީގެ ހަނދާތައް މި އީދުގައި އާވެގެން މިދިޔައީ ދެ ސްޓޭޖެއް އަޅައިގެން ޝޯ ކުރެމުންދާ އުފާވެރި މަންޒަރުންނެވެ. އަމިއްލައަށް ބަޔަކު އިސްނައިގެން ހެދި ސްޓޭޖަކާއި ރަސްމީ ސްޓޭޖްގައިވެސް މި އީދުގައި ދަނީ ޝޯކުޅެމުންނެވެ. ދެ ސްޓޭޖްގައިވެސް ރޭ ގަނޑު ޝޯ ކުޅޭއިރު، ކުޑައިރު ތިން ސްޓޭޖް ކައިރިން ދުއްވާހެން މިފަހަރު އެންމެންވެސް ދުއްވީ ދެ ސްޓޭޖުންނެވެ. ރަށުގެ ބޭންޑްތަކާއި ބޮޑުބެރާއި ރަށާ ގްރޫޕްތަކާއި ތަމްސީލް އާއި ހެއްވާ މަޖާ ހަރަކާތްތައް ސްޓޭޖް ޝޯތަކުން ހުށަހަޅަމުންދިޔައިރު ރައްޔިތުން ތިބީ އުފަލުން ފޮޅިފަ އެވެ.
ސަގާފީ ކުޅިވަރުތަކާއި މާލި ހަރަކާތްތަކުންގައިވެސް ވަކި އުމުރެއް ނެތި މީހުން ބައިވެރިވާ މަންޒަރުން ޔަގީން ވަނީ އެއްވެސް މީހަކު ބާކީ ނުކޮށް އީދުގެ އުފަލުގައި އެންމެ ބައިވެރިވާ އުފާވެރިން މަންޒަރެވެ. މިރޭ ވެސް ސްޓޭޖް ޝޯތައް ހުރިއިރު މާދަމާވެސް އީދުގެ ސަގާފީ ކުޅިވަރުތައް ކުރިއަށް އޮތީ އެވެ.