twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފުރަތަމަ 6 މަހުގެ އާމްދަނީ 50 އިންސަތަ އިތުރުކުރެވިއްޖެ

އަބްދުލް ވާހިދު ޙަސަން
Jul 24, 2022
3

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސިޓީ ކައުންސިލްގެ އާމްދަނީ 50 އިންސަތަ އިތުރުކުރެވިފައިވާކަމަށް ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނަށް މައުލޫމާތު ދެއްވުމަށް ބުރާސްފަތިދުވަހު ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު އާތިފް ވިދާޅުވީ، އެންމެ އިސްކަމެއްދީގެން ކުރި އެއް މަސައްކަތަކީ ކައުންސިލް މިލްކިއްޔާތުގައި ހުރި ބިންތަކާއި އެފަރާތުގެ ބެލުމުގެ ދަށުގައި އެހެން ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުން ރައްޔިތުންގެ މާލިއްޔަތަށް ލިބެންޖެހޭ ހައްގު އާމްދަނީ ހޯދުމަށް ކުރެވުނު މަސައްކަތަށް ކަމަށެވެ.

އެހެން ފަރާތްތަކަށް ދޫކޮށްފައިހުރި ބިންތަކުގެ ތެރޭގައިވެސް އެގްރިމެންޓް ނުކުރެވި ފުދޭ ވަރަކަށް ބިން ދޫކުރެވިފައިވާއިރު އެންމެ އެކަށީގެންނުވާ ގޮތެއްގައިވެސް ބިން ދޫކުރެވި އެގްރިމެންޓްކުރެވިފައިވާ ކަމަށެވެ. މޭޔަރު ވިދާޅުވީ، އެހެންކަމުން އެ އެގްރިމެންޓްތައް ރިވިއުކުރެވި އަދި އެގްރިމެންޓް ކުރިން ހެދިފައި ނެތް ބިން ބިމަށް އެގްރިމެންޓް އެކުލަވާލެވިފައިވާ ކަމަށެވެ.

"އެހެންކަމުން އެ އެގްރިމެންޓްތައް އެކުލަވާލާ އެ ބިންތަކުގައި އަޅުގަނޑުމެންނަށް، އެޅުގަނޑުމެންގެ ރައްޔިތުންގެ މާލިއްޔާއަށް ލިބެންޖެހެ ހައްގު އާމްދަނީ ހޯދުމަށްޓަކަ އަޅުގަނޑުމެން ގިނަގުނަ މަސައްކަތްތަކެއް އެ އެގްރިމެންޓްތަކަށް ކުރެވިގެން ދިޔަ." މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އެގޮތުގެ މަތިން މިހާރުވެސް މިވީ މުއްދަތުގެ ތެރޭގައި އިތުރު ބިންތަކެއް ދޫނުކޮށް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާއި އަޅާ ބަލާއިރު މިއަހަރުގެ މިދިޔަ 6 މަސްދުވަހުގެ އާމްދަނީ 50 އިންސަތަ އިތުރުކުރެވިފައިވާ ކަމަށެވެ.

"އެގޮތުގެ މަތިން މިހާރުވެސް މިވީ މުއްދަތުގެ ތެރޭގައި އިތުރު ބިންތަކެއް ދޫނުކޮށް އަޅުގަނޑުމެންނަށް މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާ ބަލާފަ މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ އާމްދަނީ ވަނީ 50 ޕަސެންޓް އިތުރުކުރެވިފަ. އެއީ މިދިޔަ އަހަރު 2 މިލިއަން ރުފިޔާ ގާތްގަނޑަކަށް. އޭގެ އިތުރަށް 1 މިލިއަން މި މުއްދަތުގައި އިތުރު ކުރެވިފައި ވަނީ." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ހިދުމަތްތަކެއް ދިނުމަށް ހަދަން ޖެހޭ މުހިއްމު މުނިސިޕަލްގެ ގިނަ އުސޫލުތަކާއި ގަވައިދުތަކެއް ހަދާފައި ނެތް ކަމަށާއި އެކަމަކު ސިޓީ ކައުންސިލުން 6 އުސޫލެއްގެ މަސައްކަތްކޮށް މިހާރު ތިން އުސޫލެއް ފާސްކޮށް އެލްޖީއޭގެ ލަފައަކަށް އެދިފައިވާނެ ކަމަށެވެ.

ކުރިއަށްއޮތް ތަނުގައި އެ އުސޫލުތައް ގެޒެޓްކުރެވިގެން ދިޔުމާއެކު މުނިސިޕަލް މައްސަލަތަކަށް ދިމާވާ ގިނަ ގުނަ މައްސަލަތަކަށް ފަސޭހަ ހައްލެއް ލިބިގެންދާނެކަމަށް މޭޔަރު ވިދާޅުވި އެވެ.

ޔޫއެންއިން ކުރިއަށްގެންދާ "މޭކިން ސިޓީ ރިޒިލިއަންސް" ކެމްޕެއިނުގައި އެންމެ ފުރަތަމަ ދިވެހިރާއްޖޭން ބައިވެރިވި ރަށަކަށް ކުޅުދުއްފުށި ވެފައިވާތީ އެކަން މޭޔަރު ވަނީ ފާހަގަކުރައްވާފަ އެވެ. މި ކެމްޕެއިނަކީ ދެމެހެއްޓެނިވި ތަރައްގީއާ ދިމާލަށް މަސައްކަތް ކުރުމަށްޓަކާ ހިންގޭ މަޝްރޫއުތައްވެސް އޭގެއިން ދިގުމުއްދަތުގައި ގެއްލުންނުވާހެން ބައްޓަން ކުރުމަށްޓަކައި ދުނިޔޭގައި މިހާރު ކުރިއަރާފައިވާ ގިނަ ސިޓީތަކަކުން ބައިވެރިވެފައިވާ ކެމްޕެއިނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355