twitterviber whatsapp telegramfacebookyoutube instagram
19th April 2024

ތެލުން ސަބްސިޑީ ދެމުން އަންނަ ގޮތް ބަދަލުކުރަން ނިންމައިފި

ނަބީލާ އިސްމާޢީލް
Jul 26, 2022

ސަރުކާރުން ތެލުގެ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް، ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުން މުހިއްމު ކަމަށާއި އެމަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ މުނާސަބާގައި ގައުމާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ސަބްސިޑީއަށް ގެންނަ ބަދަލު ތަފްސީލުކޮށް، ތަންޒީމުކޮށް، ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. މިއީ ދުޅަހެޔޮ އިޤްތިސާދީ އޮމާން ދުވެލީގެ، ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާސިލުވުމަށް، މިވަގުތު ކޮންމެހެން އުފުލަންޖެހޭ ބުރައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒުކުރަނީ މައިގަނޑު ދެ ކަމަކަށް. ފުރަތަމަ ކަމަކަށް، ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓްގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށްދޭ ސަބްސިޑީ. މި ސަބްސިޑީ މިހާތަނަށް ދެމުން އައި އުސޫލު އިސްލާހު ކުރަންޖެހޭ. ތެލުން ސަބްސިޑީދޭ އަނެއް ދާއިރާއަކީ، މަސްވެރިންނަށް ބޭނުންވާ ތެޔޮ." ރައީސް ވިދާޅުވިއެވެ.

މި ސަބްސިޑީ މިހާތަނަށް ދެމުން އައި އުސޫލު އިސްލާހުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމުކަމުގައި އަޅުގަނޑު ދެކެން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި, ކޯވިޑާ އެކު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން މި އަހަރު ނިމޭއިރު 2019 ގައި ހުރި މިންވަރަށް ރާއްޖޭގެ އިގްތިސޯދު ގެންދެވޭނެ އެވެ. އެހެންނަމަވެސް، އެ ކާމިޔާބީގެ ހެޔޮ އަސަރު އެންމެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުރަސްތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭ އިޤުތިޞާދަށް އަރަމުންދާ ލޮޅުންތަކާއި އެކަމުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ އަސަރުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ރަޝިޔާ–ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާ، މުދަލުގެ އަގު، އިންތިހާއަށް އުފުލިފައިވާކަމަށެވެ. އެހެން ނަމަވެސް، އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާ މިންވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް އަސަރު ނުކުރާ ކަމަށާއި، ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށްވެސް ، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ސަބަބަކީ އޭގެ ހަގީގީ ބުރަ ސަރުކާރުން އުފުލަމުންދާތީ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިނާޒުކު ދަނޑިވަޅު ރާއްޖޭގެ އިގުތިސޯދުގެ ހަމަ ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމު ކަމާއި ރައްޔިތުންނަށް ލިބިދެވޭ ހިދުމަތްތަކަށް އަރާ ބުރުލާ އަންނަ ގުޑުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

އެގޮތުން, ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ, ރިކަރަންޓް ހަރަދުތައް ކުރާ މިންވަރު މަހުން މަހަށް ހިފަހެއްޓިފައިވާ ކަމަށެވެ.

ސީދާ ބަޖެޓުން ކުރިއަށްގެންދަން ކަނޑައަޅާފައިވާ ބައެއް ޕްރޮޖެކްޓްތައް ފެށުން މިވަގުތަށް ވަނީ މަޑުޖައްސާލައި, ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކާ ސިޔާސަތުތަކަށް ބަދަލު ގެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

މި އަހަރަށް ބަޖެޓް ކުރެވުނު ތެލުގެ ސަބްސިޑީގެ ޖުމްލައަކީ 341.5 މިލިއަން ރުފިޔާ އެވެ. އެއީ މުޅި އަހަރަށް ބަޖެޓް ކުރެވުނު މިންވަރު ނަމަވެސް، ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިއުމުގެ ސަބަބުން ނިމިދިޔަ ޖޫންމަހުގެ ނިޔަލަށް ޖުމްލަ 910.3 މިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް އެކަނި ހަރަދުވެފައިވެ އެވެ.

މިހާރު ލަފާ ކުރެވޭ ގޮތުން މި އަހަރުގެ ނިޔަލަށް މި ހާލަތުގާދާ ނަމަ، ޖުމްލަ 1.95 ބިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް ސަރުކާރުން ހަރަދު ކުރަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355