twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކަރަންޓާއި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ ވެހިކަލްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މާފުކޮށް ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި

May 31, 2011

– އިޢާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދާ ފަރާތްތަކުން ޔޫޓިލިޓީ ކުންފުނިތަކަށް ވިއްކާ ކަރަންޓަށް ސަބްސިޑީ ދިނުމަށް ނިންމި

ރާއްޖެއަށް އެތެރެކުރާ އެއްގަމު އުޅަނދު ތަކުގެ ތެރެއިން ކަރަންޓާއި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ ވެހިކަލްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މާފުކޮށް ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖެއަށް އެތެރެކުރެވޭ ތަކެއްޗަކީ ތިމާވެށްޓާ ރަހްމަތްތެރި ތަކެތި ކަމުގައި ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ބާރުއެޅުއްވުމުގެ ގޮތުން، އެއްގަމު އުޅަނދުގެ ބައެއް ވައްތަރުތަކުން ޑިއުޓީ މާފުކުރުމަށް ނިންމަވާފައިވަނީ އެކަމާބެހޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅި ކަރުދާހެއްގެ މައްޗަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އަދި، ތިމާވެށްޓާ ރައްޓެހި ކަނޑުމަތީ އުޅަނދުފަހަރު އުފެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަނޑުމަތީގެ އުޅަނދުފަހަރުގައި ބޭނުންކުރުމަށް އެތެރެކުރެވޭ ސޯލާ ޕެނަލްއާއި، ސޯލާ ޕެނަލްއާއެކު ބޭނުކުރާ ބެޓްރީގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މާފުކޮށް ދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމާފައެވެ. މީގެ އިތުރުން ކަނޑުގައި ދުއްވާ ރިޔާނަގާ އުޅަނދުފަހަރުގައި ރިޔާ ނެގުމަށް ބޭނުންކުރާ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ މާފުކުރެއްވުމަށް ވެސް މިއަދު ނިންމެވިއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މިތަކެތިން ޑިއުޓީ މާފުކޮށްދޭނީ ނޭޝަނަލް އެންވަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާ މިންގަނޑުތަކާއި، އުޞޫލުތަކެއްގެ މަތީން ދޫކުރާ ލިއުމެއްގެ މައްޗަށް ބިނާކުރުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި އިޢާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދާ ފަރާތްތަކުން ޔޫޓިލިޓީ ކުންފުނިތަކަށް ވިއްކާ ކޮންމެ ކަރަންޓް ޔުނިޓަކަށް 50 ލާރީގެ ސަބްސިޑީއެއް ސަރުކާރުން ދިނުމަށް ނިންމެވިއެވެ.

މިގޮތުން، ރާއްޖޭގައި ޢިއާދަކުރަނިވި ހަކަތަބޭނުންކޮށްގެން ކަރަންޓް އުފައްދާ ފަރާތްތަކުން ވިއްކާ ކަރަންޓް ޔުނިޓެއް ޔޫޓިލިޓީ ކުންފުނިތަކުން ގަންނަ އަގަކީ 3 ރުފިޔާ 50 ލާރި ކަމަށް ހަމަޖައްސައި، މީގެތެރެއިން 50 ލާރި، ސަބްސިޑީގެ ގޮތުގައި، ސަރުކާރުން ޔޫޓިލިޓީ ކުންފުޏަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ކަނޑައެޅުއްވިއެވެ.

ރާއްޖެއިން ކަނޑައަޅާފައިވާ ކާރބަން ނިއުޓްރަލް ލަނޑުދަނޑި ޙާޞިލް ކުރުމަށް މަގުފަހި ކުރުމަށާއި ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކޮށް ތެލަށް ކުރާ ޚަރަދު ކުޑަކުރުންކަމަށް އެއޮފީހުން މައުލޫމާތު ދެއެވެ. އަދި ސަރުކާރުން މިގޮތަށް ނިންމުވުމުގައި އިޢާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓް، ވިޔަފާރީގެ އުޞޫލުން އުފެއްދުމަށް އަމިއްލަ ފަރާތްތަކަށް ހިތްވަރު ދިނުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355