twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށް ނިންމައިފި

ނަބީލާ އިސްމާޢީލް
Jul 31, 2022
1

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެޕާޓީން ނިންމައިފިއެވެ.

ޕީޕީއެމާ ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމްގެ ސެނެޓުގެ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ޔާމީން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭގޮތުން މީގެކުރިން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ސީދާ ޖަވާބެއް އެމަނިކުފާނު ދެއްވާފައިނުވެއެވެ.

ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން މީގެކުރިން ވިދާޅުވެފައި ވަނީ އަންނަ އަހަރު ބާއްވާ އިންތިހާބަށް ވިސްނުމުގެ ކުރިން ޝައުގުވެރިކަމާއެކު އިސްކަންދެއްވާ އިތުރު ކަންކަން އެބަހުރި ކަމަށެވެ.

ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. އެއީ ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ކުންފުންޏަކާ ހަވާލުކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާ އަކާއި ރ. ފުއްގިރީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައުވާ ދެ ދައުވާއެކެވެ.

އެ ރަށުގެ މުއާމަލާތާ ގުޅިގެން ވެސް އުފުލާފައި ވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ހުށަހެޅުމުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު އެމަނިކުފާނުގެ ކިބައިން އުނިވާނެއެވެ.

އާރަށުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ހުކުމް އިއްވުން މިހާރު ތާވަލްކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހަށެވެ.

ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ސުޕްރީމް ކޯޓުން އެހުކުމް ބާތިލް ކުރުމުން މިވަގުތު އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީނަށް ގާނޫނީ ހުރަހެއް ނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355