twitterviber whatsapp telegramfacebookyoutube instagram
26th April 2024

އުންމީދާއެކު މަސައްކަތްކޮށްފިނަމަ ކޮންމެ ދަރިވަރަކީވެސް ކާމިޔާބުވާނެ ދަރިވަރެއް: ކުޅުދުއްފުށި މޭޔަރު

އަބްދުލް ވާހިދު ޙަސަން
Aug 7, 2022

އެންމެ މުހިންމުކަމަކީ އަހްލާގު ކަމަށާއި ރަނގަޅު އަހުލާގުގައި ދިރިއުޅޭ ކުދިންނަށް ކަންކަމުގައި ނާކާމިޔާބީއާ ކުރިމަތިލާން ނުޖެހޭނެކަމަށް ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުމުގެ ފެށުމުގެ ގޮތުން މިއަދު ހެނދުނު އަފީފުއްދީން ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، އެންމެ މުހިންމުކަމަކީ ކުދިންގެ އަހްލާގު ކަމަށާއި ޔަގީނުންވެސް ރަނގަޅު އަހުލާގާއެކު ދިރިއުޅޭ ކުދިންނަށް ކަންކަމުގައި ނާކާމިޔާބީއާ ކުރިމަތިލާން ނުޖެހޭނެ އެވެ.

"ޔަގީނުންވެސް ރަނގަޅު އަހްލާގާއެކު ދިރިއުޅޭ ކުދިންނަށް ކަންކަން ނާކާމިޔާބު ނުވާނެ. އެއީ ޔަގީންކަމެއް. މިއަދުން ފެށިގެން އަޒުމް ކަނޑައަޅަންވީ، އެހެންވީމަ ކޮން ކަހަލަ ކުއްޖަކަށްތޯ ވާނީ. ރަނގަޅު ކުއްޖަކަށްތޯ ގޯސްކުއްޖަކަށްތޯ؟" ދަރިވަރުންނާ މުހާތަބުކުރައްވަމުން މޭޔަރު ވިދާޅުވި އެވެ.

ދަރިވަރުންނަށް ހިތްވަރު ދެއްވާ ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، އުންމީދާއެކު މަސައްކަތް ކޮށްފިއްޔާ ކޮންމެ ދަރިވަރަކީވެސް ކާމިޔާބު ދަރިވަރަކަށްވާނެ ކުއްޖެ ކަމަށެވެ.

އަބަދުވެސް ކޮންމެ ކުއްޖަކުވެސް ހިޔާރުކުރަންވާނީ ރަނގަޅު ގޮތް ކަމަށާ ކާމިޔާބަކީ ވަކި ހައްދެއް އޮންނަ އެއްޗެއް ނޫން ކަމަށެވެ. މޭޔަރު ވިދާޅުވީ، ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކޮށް ދިމާވާ ޖޮންޖެހުންތަކުން އަރައިގަނެ ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ކޮންމެ ދަރިވަރަކުވެސް މަސައްކަތްކުރުމަށެވެ.

ކޮންމެ ކަމެއްގައިވެސް ހައްލު އޮންނާނެ ކަމަށާއި ޝަކުވާކުރުމުގެ ބަދަލުގައި އަމިއްލަ ހައްލު ހޯދައި ނުވަތަ އަމިއްލައަށް ހައްލު ނުލިބިއްޖެނަމަ އެހެން މީހުންގެ އެހީތެރިކަން ހޯދައި އެކަމެއް ހައްލުކުރުމަށް މަސައްކަތްކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވި އެވެ.

މޭޔަރު ވިދާޅުވީ، ދިރިއުޅުމުގައިވެސް ތައުލީމީ ހަޔާތުގައިވެސް ކާމިޔާބު މީހަކަށްވާނީ އެހެން މީހުންނަށް އެހީތެރިވެދީ އެހެން މީހުންގެ އެހީތެރިކަން ހޯދާ މީހުން ކަމަށެވެ. އަދި އެހެން މީހުންގެ އެހީތެރިކަން ފޯރުކޮށްދޭ މީހަކަށްވާންވާނެ ކަމާއި އެހީތެރިކަމަށް ބޭނުން ނުވާ އެއްވެސް މީހަކު ނޫޅޭނެ ކަމަށެވެ.

ކާމިޔާބީއަށް ވާސިލުވުމަށް ލިފްޓެއް ނުހުންނާނެ ކަމަށާއި ކާމިޔާބީއަށް ވާސިލުވުމަށް އަރަން ޖެހޭނީ ސިޑިން ކަމަށް މޭޔަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355