twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ ވަބާ ފެތުރެމުންދަނީ ކަންބޮޑުވާން ޖެހޭ ފަދަ ބާރުމިނެއްގައި: މޭޔަރު

ފުލުހުންނާ ބައްދަލުވާ ކޮންމެ ފަހަރަކުވެސް، މޭޔަރު އެންމެ ބޮޑަށް އެދެނީވެސް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކޮށްދިނުމަށް.

އަބްދުލް ވާހިދު ޙަސަން
Aug 9, 2022
2

ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ މައްސަލަ އޮތީ ނުރައްކާތެރި ހާލަތެއްގައިކަމަށް ވިދާޅުވެ މޭޔަރު މުހައްމަދު އާތިފް ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އާންމު ހޭލުންތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ޖާރނީ ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ރައިޒް ޕްރޮގުރާމް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން މޭޔަރު ވިދާޅުވީ، ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ ވަބާ ފެތުރެމުންދަނީ ކަންބޮޑުވާން ޖެހޭ ފަދަ ބާރު މިނެއްގައި ކަމަށެވެ.

މިއީ މިފަދަ ރަސްމިއްޔާތެއްގައި މިރަށުގައި މަސްތުވާތަކެތީގެ ހާލަތު ގޮސްފައިވާ މިންވަރާ ބެހޭ ގޮތުން ރަށުގެ ވެރިޔަކު ވާހަކަދެެއްކެވި ފުރަތަމަ ފަހަރެވެ.

މޭޔަރު ވިދާޅުވީ، އާންމުކޮށް ފުޅާ ދާއިރާއެއްގައި ރަށުގެ މަސްތުވާތަކެތީގެ މައްސަލައިގެ ވާހަކަ ބޮޑުކޮށް ނުދެއްކިކަމުގައިވިޔަސް އަދު ހަގީގަތަކީ މިރަށަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާއީ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ.

މިހާ ބިރުވެރި ހިސާބަކަށް މަސްތުވާތަކެތީގެ މައްސަލަ ރަށުގައި އޮތްކަން އެނގިވަޑައިގެންނެވީ ކެމްޕެއިން ތެރެއިން ކުރިއަށްގެންދިޔަ ތަފާތު ހަރަކާތްތަކުގެ ތެރެއިން ކަމަށެވެ. މަސްތުވާތަކެއްޗަކީ މުސްތަގުބަލަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، މަސްތުގެ ވަބާގައި ޖެހިއްޖެ ނަމަ މުޅި މުސްތަގުބަލް މަރުވެ ކުރިމަގު ބަންދުވެގެންދާ ކަމަށެވެ.

"އަޅުގަނޑުމެން މުސްތަގުބަލް އުޖާލާކުރަން ކަމަށްވާނީ ނަމަ މުސްތަގުބަލުގެ ޖީލް އަޅުގަނޑުމެން އެބަ ސަލާމަތްކުރަން ޖެހޭ. އަޅުގަނޑުމެންގެ މުސްތަގުބަލް ބިނާކުރާނީ ހަމަ ޔަގީންވެސް އަޅުގަނޑުމެންގެ ދަރިން. އަޅުގަނޑުމެންގެ ޒުވާނުން." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.

"
"އަޅުގަނޑުމެން މުސްތަގުބަލް އުޖާލާކުރަން ކަމަށްވާނީ ނަމަ މުސްތަގުބަލުގެ ޖީލް އަޅުގަނޑުމެން އެބަ ސަލާމަތްކުރަން ޖެހޭ. އަޅުގަނޑުމެންގެ މުސްތަގުބަލް ބިނާކުރާނީ ހަމަ ޔަގީންވެސް އަޅުގަނޑުމެންގެ ދަރިން. އަޅުގަނޑުމެންގެ ޒުވާނުން." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.
ކުޅުދުއްފުށީ މޭޔަރު

މޭޔަރު ވިދާޅުވީ، ތަރައްގީއަކީ ހަމައެކަނި އިމާރާތްތަކެއް ނޫން ކަމަށާއި ތަރައްގީގެ އެންމެ މުހިންމު ބަޔަކީ ރަނގަޅު އިންސާނީ ޖީލެއް ބިނާކުރުން ކަމަށެވެ.

މިފަދަ ވަބާއެއްގައި ޖެހިއްޖެކަމަށްވާނަމަ މުޅި މުސްތަގުބަލް މަރުވެ ކުރިމަގު ބަންދުވެ ކިތަމެއް ބޮޑު އިމާރާތެއް އެޅިކަމުގައިވިޔަސް އެތަންތަނުގެ ބޭނުންކުރާނެ ބަޔަކު ނުތިބޭނެ ކަމަށް ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ އުމްރާނީ ތަރައްގީގެ ހަގީގީ ބޭނުން ހިފޭނީ އެތަނެއްގައި އިންސާނުންނަށް ރަނގަޅު އިޖުތިމާއީ ރައްކާތެރިކަމެއް ކަށަވަރުކުރެވިގެން ކަމަށެވެ.

މަސްތުވާތަކެތީގެ ވަބާގެ ވާހަކަ ދައްކަން އެބަޖެހޭ ކަމާއި ގޯސް އަމަލުތަކެއްވުމުން މިވާހަކަ ބޮޑު ފޮއްޓަށްލައިފަ ބާއްވައިފިނަމަ ކަތުރުފަނި އަޅައިގެން ފެތުރިދާނެ ކަމަށެވެ. މިކަމަށް ހޭލުންތެރި ނުކުރެވިއްޖަނަމަ މުޅި އާބާދު ގެއްލިގެންދާނެ ހާލަތެއް ކަމަށް މޭޔަރު ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގެ ވާހަކަތައް ދައްކައި، ބެލެނިވެރިންނާއި ޅަ ޒުވާނުންނަށް މިކަމަށް ހޭލުންތެރިކޮށް މިކަމުގެ ނުރައްކަލުގެ ވާހަކަ ދައްކަން ޖެހޭކަމަށެވެ.

މޭޔަރު ވިދާޅުވީ، މަސްތުގެ ވަބާގައި ޖެހި، އެ ވަޅުގަނޑަށް ވެއްޓިފައި ތިބީ ހަމައެކަނި ވިޔާނުދާ ކުދިންނޫން ކަމަށެވެ. ސްކޫލް ދައުރުގައި ރަނގަޅު ނަތީޖާތައް ހޯދި ދަރިވަރުންނާއި ހުނަރުގެ ގޮތުން މުއްސަނދި ކުދިން މަސްތުގެ ވަބާއަށް ހުށަހެޅިފައިވާ ކަމަށެވެ.

"މީގެ ތެރޭގައި އަސްލު ހަގީގީ ވިޔާނުދާ އަމަލު ހިންގާ ބަޔަކީ މީގެ ވިޔަފާރިކުރާ ފަރާތްތަކުން." މޭޔަރު އާތިފް ވިދާޅުވި އެވެ.

އެ ފަރާތްތައް ހޯދައި އެ ފަރާތްތަކާމެދު ފިޔަވަޅު އެޅިގެން ނޫނީ މިކަން ނުހުއްޓުވޭނެކަން ފާހަގަކުރެއްވި އެވެ.

އެ ކުދިން ސަލާމަތް ވެވޭނެ ގޮތެއް ހޯދައިދިނުމީ އެންމެންގެ ވާޖިބެއްކަން ފާހަގަކުރައްވަމުން މޭޔަރު އާތިފް ވިދާޅުވީ، ރިހެބްގެ ފަރުވާ އެކަނި ކުއްޖާ ސަލާމަތެއް ނުކުރެވޭނެ ކަމަށާއި އެކަމުގައި މުޅި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

މޭޔަރު އާތިިފް ވިދާޅުވީ، ފުލުހުންނާ ބައްދަލުކުރާއިރު އެންމެ ބޮޑަށް އެދެނީވެސް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކޮށްދިނުމަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355