twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކެނދިކުޅުދޫއިން ފަސޭހަކަމާއެކު ހޮޅުދޫ ބަލިކުރިއިރު ކުޑަފަރި އަތުން މާޅެންދޫ ވެސް މޮޅުވެއްޖެ

މުޙައްމަދު އަހުމަދު
Aug 13, 2022

މިހާރު ކުރިއަށްދާ އެމްޓީސީސީ ނޯތު ލީގު/ދެވަނަ ޑިވިޝަންގެ ގްރޫޕް ސީގެ ދެވަނަ ދުވަހުގެ މެޗުތަކުން ނ. ކެނދިކުޅުދޫއާއި ނ. މާޅެންދޫ މޮޅުވެއްޖެ އެވެ.

އިއްޔެ ހަވީރު ކުޅެވުނު މެޗުގައި ކެނދިކުޅުދޫއިން ވަނީ އަމިއްލަ ދަނޑުގައި ކުޅެ ފަސޭހަކަމާއެކު ހޮޅުދޫގެ މައްޗަށް ކުރިހޯދައިފި އެވެ. މިމެޗު ކެނދިކުޅުދޫއިން ކާމިޔާބުކުރީ 3 - 0 ންނެވެ.

މެޗުގެ 5 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މެޗުގެ ކުރީކޮޅު ކެނދިކުޅުދޫއިން ލީޑު ނެގި އެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޒީ ނަމްބަރު 7 އަލީ ބުސްރީ އެވެ. ކެނދިކުޅުދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1 - 0 ން އެޓީމު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން 57 ވަނަ މިނެޓުގައި އަނެއްކާވެސް ކެނދިކުޅުދޫން ވަނީ ލަނޑެއް ޖަހާފަ އެވެ. މިލަނޑު ޖެހީ އައްޒާމް އަބްދުﷲ އެވެ. އަދި މެޗު ނިމެން 9 މިނެޓަށް ވެފައި ވަނިކޮށް ކެނދިކުޅުދޫގެ 3 ވަނަ ލަނޑު ޖަހައިދިނީ އަލީ ސަމާލް އެވެ.

ހޮޅުދޫ ދަނޑުގައި އިއްޔެ ކުޅެވުނު ދެވަނަ މެޗުގައި މާޅެންދޫން ވަނީ 2 - 1 ގެ ހަނި ތަފާތަކުން ކުޑަފަރީ ޓީމު ބަލިކޮށްފަ އެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް މާޅެންދޫ ޓީމުންނެވެ. 30 ވަނަ މިނެޓުގައި އިބްރާހިމް ޒަޔާންގެ ލަނޑުން ލީޑު ނެގިނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުޑަފަރިން ނަތީޖާ އެއްވަރުކުރި އެވެ. މިއީ ފުރަތަމަ ހާފުގެ ފަހުވަގުތު ކޮޅުގައި އަލީ ސިޔާޒް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުން މާޅެންދޫ މޮޅުވި ލަނޑު 55 ވަނަ މިނެޓުގައި ޖަހައިދިނީ އަބްދުﷲ ޝަފީން އެވެ. މުބާރާތުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ކެނދިކުޅުދޫ އޮތީ އެއްވަނައިގަ އެވެ. ކެނދިކުޅުދޫން މާދަމާގެ މެޗުގައި ނުކުންނާނީ އަމިއްލަ ދަނޑުގައި ކުޑަފަރިއާ ދެކޮޅަށެވެ. އަދި ހޮޅުދޫން އަމިއްލަ ދަނޑުގައި މާޅެންދޫއާ ދެކޮޅަށް ނުކުންނާނެ އެވެ. ދެމެޗު ވެސް ފަށާނީ ހަވީރު 4 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355