ދުނިޔޭގެ ސުޕަ ހައިވޭ ސީމީވީ6 ސަބްމެރިން ކޭބަލް ސިސްޓަމާ ރާއްޖެ ގުޅާލުމަށް ބޭނުންވާ ލޭންޑިން ސްޓޭޝަން ހެދުމަށް ބޭނުންވާ ބިން ހުޅުމާލެއިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދުއާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަޙުމަދެވެ.
ދިރާގުން ބުނީ ދުނިޔޭގެ ވަރުގަދަ މުއާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމްއާ ގުޅި، ރާއްޖެ ސީމީވީ6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި މިއަހަރުގެ ކުރީކޮޅު ސޮއިކޮށް މިހާރު އެމަސައްކަތް އަމަލީގޮތުން ފަށާފައިވާ ކަމަށެވެ.
އެ ކޭބަލް ސިސްޓަމްގެ ސަބަބުން ދެކުނު އޭޝީއާ އާއި ޔޫރަޕްގެ އިންޓަނެޓް އެކްސްޖޭންޖުތަކަށް ދިރާގުގެ ނެޓްވޯކް ސީދާ ގުޅާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ކޭބަލް ބްރާންޗު ހުޅުމާލޭގައި ލޭންޑްކުރުމަށް ބެނުންވާ ކޭބަލް ލޭންޑިން ސްޓޭޝަން ގާއިމްކުރުމަށް މަސައްކަތް ކުރަމުން ދާކަން ދިރާގުން ފާހަގަކުރިއެވެ.
ދިރާގުން ބުނީ ޖުމްލަ 19،200 ކިލޯމީޓަރު ދިގު އެ ސަބްމެރިން ކޭބަލްއަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން ދެކުނު އޭޝިއާއިން ފެށިގެން، އިންޑިޔާ، މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕާ ގުޅާލެވޭ ކޭބަލްސިސްޓަމެއް ކަމަށެވެ.
ސިންގަޕޫރުން ފެށިގެން ފްރާންސްއާ ހަމައަށް ގުޅާލެވޭ އެ ކޭބަލް ސިސްޓަމް 2025ވަނަ އަހަރުގެ ފުރުތަމަ ކުއާޓަރަށް ނިމޭނެކަން ވެސް ދިރާގުން ފާހަގަކުރެއެވެ.
މިއީ ދިރާގުގެ ނެޓްވޯކު ޔޫރަޕާއި މެދުއިރުމައްޗާ ދެމެދު އަދި އިންޑިއާއިން ސިންގަޕޫރަށް ގުޅާލުމަށްޓަކައި ދިރާގުން ކުރާ ބޮޑު އިންވެސްޓްމެންޓެެއްކަން ފާހަގަކޮށް ދިރާގުން ބުނީ ސީމީވީ6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލްތަކަކާ ސީދާ ގުޅުވާލެވުމުގެ ސަބަބުން، އިންޓަނެޓްގެ ސްޕީޑާއި ފެންވަރު އިތުރަށް ރަނގަޅުވެ އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
އެ ކޭބަލްގެ ޒަރިއްޔާއިން، 5ޖީ ފަދަ އަލަށް ތަޢާރަފުވާ ޓެކްނޮލޮޖީތަކާއި އާޓިފިޝަލް އިންޓެލިޖެންސާއި އޭއާރުގެ ކުރިއެރުންތައް ދިރާގުގެ ވިޔަފާރި އަދި ގޭމާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.