ކީރިތި މާތްﷲ މިއުންމަތަށް ފަރުޟު ކުރައްވާފައިވާ ފަރުޟު ނަމާދުތަކަށްފަހު އެންމެ ހެޔޮކަން ބޮޑުވެގެންވާ ނަމާދަކީ ދަމުނަމާދެވެ.
ދަމުނަމާދަކީ ޢިޝާ ނަމާދުގެ ފަހުން ކުރެވޭ ސުންނަތްކަން ގަދަވެގެންވާ މަތިވެރި ނަމާދެކެވެ. މި ނަމާދު ކުރުން އެންމެ ރަނގަޅު ވަގުތަކީ ރޭގަނޑުގެ 3 ބައިން ފަހުބައިގައެވެ. އެއީ ހާރުދަމުގެ ވަގުތުގައެވެ. ދަމުނަމާދުގެ މާތްކަމާއި ގުޅޭގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ، "ފަރުޟު ނަމާދުތަކަށްފަހު އެންމެ ހެޔޮކަން ބޮޑުވެގެންވާ ނަމާދަކީ ދަމުނަމާދެވެ" (މުސްލިމް)
ދަމުނަމާދުގެ މިވަގުތަކީ ކަންކަމަށް ބޭނުންވެގެންވާ އަޅުންނަށް ހުޅުވާލެވިފައިވާ ތަނަވަސް ފުރުސަތެކެވެ. އަބޫ ހުރައިރާ ގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަހަރެމެންގެ ރައްބު تبارك وتعالى، ކޮންމެ ރެއަކު ރޭގަނޑުގެ ތިންބައިން ފަހުބަޔަށް ވެފައިވަނިކޮށް ދުނިޔޭގެ އުޑަށް ފައިބާވޮޑިގަންނަވައެވެ. އެއިލާހު ވަޙީކުރައްވައެވެ. ތިމަންއިލާހަށް ދުޢާކުރަނީ ކާކުހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާނަމެވެ. ތިމަން އިލާހު ޙަޟްރަތުން އެދެނީ ކާކުހެއްޔެވެ. ފަހެ އެމީހަކަށް ދެއްވާނަމެވެ. ތިމަން އިލާހު ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކުހެއްޔެވެ. ފަހެ އެމީހެއްގެ ފާފަ ފުއްސަވާދެއްވާނަމެވެ." (ބުޚާރީ، މުސްލިމް)
ދަމުނަމާދުން ލިބޭ ފައިދާތަކުގެ ތެރޭގައި؛
1. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތް ދިރުވުމުގެ ހެޔޮކަން
2. ތިމާގެ ބޭނުންތަކަށް އެދި މަސައްކަތް ކުރުމަށް ބާރު ލިބުން
3. ދަމުނަމާދު ޤާއިމުކުރުމުން ތިމާގެ ފުރާނައަށާއި މޫނަށް އުޖާލާކަން ލިބުން
4. ދުޢާ އިޖާބަކުރެއްވުމަށް މަގުފަހިވުން
5. ދުނިޔެވީ ކަންކަމުން ދުރުވެ، ހަމައެކަނި ގަދަ ކީރިތިވަންތަ މާތްﷲ އަށް ކުއްތައްވެވުން
6. ކުރެވިފައިވާ ފާފަތަކުން ސަލާމަތްތެރިކަން ލިބުން
7. ޤުރުއާނަށް އަހުލުވެރިކަން އުފެދުން
މާތްﷲ އަޅަމެންނަށް ދަމުނަމާދު ޤާއިމުކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކޮށްދެއްވާށި. އާމީން.