ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް އުންމީދުކުރެއްވި ގޮތަށް މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށްވެސް އެއާޕޯޓް ލައިޓިންގ މަސައްކަތް ނިންމައެއް ނުލެވުނެވެ.
އެންމެ ފުރަތަމަ ކުޅުދުއްފުށީ އެއާޕޯޓް ރަންވޭގައި ލައިޓް ހަރުކުރުމަށް ބަޔަކާ ހަވާލުކުރީ ކޮވިޑްގެ ކުރިންނެވެ. އެކަމަކު ކޮވިޑާ ގުޅިގެން އެ ޕްރޮޖެކްޓަށް މަޑުޖައްސާލުމަށްފަހު އަނެއްކާވެސް އެ މަޝްރޫއު ބަޔަކާ ހަވާލުކުރީ މިދިޔަ އަހަރު އޮކްޓޯބަރުމަހު، ރައީސް ސޯލިހް ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ދަތުރާ ގުޅުވަ އެވެ.
އެ މަސައްކަތް ނުކުރެވި ގިނަ އަހަރުތަކެއް ފާއިތުވެދާތީ، ރައްޔިތުން ބައްދަލުވުމެއްގައި އާންމު ފަރާތްތަކުން ކުރިމަތިކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެމްބަރު ޔާސިރު ވިދާޅުވެފައިވަނީ، މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް އެއާޕޯޓް ރަންވޭގައި ލައިޓްހަރުކޮށް ނިންމާލެވޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިދިޔަ ޖުލައިމަހު ސިޓީ ކައުންސިލުން ރައްޔިތުންނަށް ބޭއްވި ބައްދަލުވުމުގައި މެމްބަރު ޔާސިރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގައި ޔާސިރަށް އަމާޒުކޮށް އާންމު ފަރާތްތަކުން ސާފުކުރަން ބޭނުންވީ އެއާޕޯޓް ރަންވޭ ލައިޓް ނުޖެހިގެން އުޅޭ ސަބަބު ސާފުކުރުމަށެވެ.
ކުޅުދުއްފުށި އެއާޕޯޓް އެހާލުގައި އޮތްވާ ބިން ހިއްކައިގެން މާ ފުރިހަމައަށް ގާއިމުކޮށްފައިހުރި އެއާޕޯޓްތައް ރާއްޖޭގައި އެބަހުރި ކަމަށާއި ކުޅުދުއްފުއްޓަށް މި "ތާށި" އަރައިގެން މި އުޅެނީ ކީއްވެތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އެ ރޭ ޔާސިރު ވިދާޅުވެފައިވަނީ، އެއާޕޯޓް ކަންތަކުގައި ކަންބޮޑުވުން އެބަހުރި ކަމަށެވެ. އަދި މި ސަރުކާރުގެ ވިސްނުމަކަށްވީ ކުރިން ސަރުކާރުން ކޮށްފައި ހުންނަ ކަންކަން ނުކޮށް ދޫކޮށްލުން ނޫން ކަމަށާއި މީގެ ކުރިން އެކަހަލަ މަންޒަރުތަކެއް ފެނުނު ކަމުގައިވިޔަސް މި ސަރުކާރުގެ ވިސްނުމަކަށްވީ އެއާޕޯޓް އެންމެ އަވަހަށް އޮޕަރޭޝަނަށް ގެނެވުން ކަމަށެވެ.
އަދި ރީޖަނަލް އެއާޕޯޓްސް އުފެއްދައި ކުންފުނިން އެކުލަވާލުމަށް 6 މަސް ނެގި ކަމަށާ އެކަމަކު ކުންފުނިން އެންމެ ފުރަތަމަ އިއުލާންކުރީ ކުޅުދުއްފުށި އެއާޕޯޓް ރަންވޭގެ ލައިޓިންގ މަސައްކަތްކަމަށް ޔާސިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެއާޕޯޓަކީ ކުރަހާފައި އޮތް އެއާޕޯޓަކަށް ނުވާތީ ކުރެހުމަށްވެސް ވަގުތުތަކެއް ނެގިކަމަށެވެ.
އަދި އެއާޕޯޓްގެ އުތުރުކޮޅު ތޮށިގަނޑު ހަލާކުވެފައިވާތީ އެ މަސައްކަތަށްފަހު ލައިޓިންގގެ މަސައްކަތްކުރުމަށް ލަސްކޮށްލި ކަމަށާއި އަގުބޮޑު އެ ލައިޓްތައް ޖަހާތަނުން އެތަން ގިރާލައި ލައިޓްތަކަށް ގެއްލުންވެއްޖެ ނަމަ އަނެއްކާވެސް އެ މަސައްކަތް އަލުން ކުރަން ޖެހުމަކީ ފަސޭހަކަމަށްނުވާތީވެސް ތޮށިގަނޑު ހެދުމަށްފަހު ލައިޓް ހަރުކުރުމަށް ލަސްކުރި ކަމަށް ޔާސިރު ވިދާޅުވި އެވެ.
އެހެންނަމަވެސް މިހާރު އަންގާފައިވަނީ އެހެން އެކަން އޮތަސް ލައިޓިންގގެ މަސައްކަތް ކުރިއަށްގެންދިޔުމަށްކަމަށްވާތީ އުންމީދުކުރަނީ އަންނަ އޯގަސްޓްމަހުގެ ތެރޭގައި އެކަން ފުދިގެންދާނެކަމަށެވެ. އެކަމަކު އޯގަސްޓް މަސް ނިމި ސެޕްޓެމްބަރު މަސް ފެށިގެންދާއިރުވެސް އެއާޕޯޓްގެ ރަންވޭގައި ލައިޓް ޖެހުމަށް ކުރަމުންދާ މަސައްކަތްތަށް މާބޮޑުކުރިއެރުމެއް ނުފެނެ އެވެ.