"މިމަސައްކަތުގައި ސަރުކާރުގެ މުއައްސަސާތަކުން ފެއިލް ވެފައިވާކަން ހިތާމަޔާއެކު ފާހަގަކުރަން. އަދި ރައީސުލް ޖުމްހޫރިއްޔާގެ ވައުދުތައް ފުއްދުމުގައި މުއައްސަސާތަކުން މިހާރަށްވުރެ ބޮޑަަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމުގައި ދެކެން"
ފުލީ އޮޕަރޭޝަނަލް އެއާޕޯޓަކަށް ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކުރުމަކީ މި ސަރުކާރުގެވެސް ވައުދެއް ކަމަށާއި އެހެންނަމަވެސް އެ އެއާޕޯޓް ތަރައްގީކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން ފެއިލްވެފައިވާކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
ޔާސިރު މިހެން ވިދާޅުވީ، އޭނާ އުންމީދުކުރެއްވި ގޮތަށް މި ހުސްވި އޯގަސްޓްމަހުގެ ނިޔަލަށް އެއާޕޯޓް ރަންވޭގައި ލައިޓް ޖަހައި ނިންމާނުލެވުމުގެ ސަބަބުންނެވެ. ރައްޔިތުންނާއެކު މިދިޔަ ޖުލައިމަހު ބޭއްވި ބައްދަލުވުމެއްގައި އިދާރާތަކާ ހަވާލާދެއްވާ ޔާސިރު ވިދާޅުވެފައިވަނީ އޯގަސްޓްމަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން މިރޭ ޔާސިރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމިންގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ވައުދެއް ކަމުގައިވީނަމަވެސް، އެއާޕޯޓް ފުލީ އޮޕަރޭޝަނަލް ކުރުމަކީ މި ސަރުކާރުގެ ވެސް ވައުދެއް ކަމަށެވެ.
މި އެއާޕޯޓަކީ މި ސަރަހައްދުގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މުހިންމު އެއާޕޯޓެއްކަމުގައިވާތީ، އެއާޕޯޓަކީ ލައިޓް ޖެހި، ރެސްޓޯރަންޓްގެ ހިދުމަތް ދެވޭ، ޑިމާންޑާ އެއްވަރަށް ފްލައިޓް ބޭއްވޭ، ރެފަރ ކުރެވޭ ބަލި މީހުން ބޭއްވުމަށް ބޭނުންވާ ކޮޓަރި ހުންނަ އެއާޕޯޓަކަށް ހެދުމަށާއި އަދިވެސް އިތުރަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ގިނަ އިދާރާތަކާއެކު ބައްދަލުކުރެވި ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ވަކިން ހާއްސަ ގޮތެއްގައި އެއާޕޯޓުގެ ލައިޓިން ފުރިހަމަ ކުރުމާއި ބްރޭކް ވޯޓަރ އަލުން ޖެހުމަށް، ރައީސް އޮފީހުން ފެށިގެން ސަރުކާރުގެ ކަމާ ގުޅުންހު މުއައްސަސާތަކާ ތަފާތު އެކި ފަހަރު މަތިން ބައްދަލު ކުރެވިފައިވާނެ ކަމަށެވެ.
"ފެނިގެން ގޮސްފައިވަނީ ގުޅުން ހުރި މަސައްކަތްތައް އެކި މުއައްސަސާތަކުން ކުރާއިރު މުއައްސަސާތައް މެދުގައި ގުޅުން ކުޑަ މިންވަރާއި މުއައްސަސާތައް މެދުގައި އޮތް ބްލޭމް ޕާސްކުރުން. އަދި ހާއްސަކޮށް މުއައްސަސާތަކުން ކަންކަމުގައި ދޭ މުއްދަތު ދިިމާނުވާކަން.ޔާސިރު
"ފެނިގެން ގޮސްފައިވަނީ ގުޅުން ހުރި މަސައްކަތްތައް އެކި މުއައްސަސާތަކުން ކުރާއިރު މުއައްސަސާތައް މެދުގައި ގުޅުން ކުޑަ މިންވަރާއި މުއައްސަސާތައް މެދުގައި އޮތް ބްލޭމް ޕާސްކުރުން. އަދި ހާއްސަކޮށް މުއައްސަސާތަކުން ކަންކަމުގައި ދޭ މުއްދަތު ދިިމާނުވާކަން." މެމްބަރު ޔާސިރު ވިދާޅުވި އެވެ.
ޔާސިރު ވިދާޅުވީ މި އެއާޕޯޓަކީ މި ސަރަހައްދުގެ ސިއްހީ މައި ހަބު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ނުހަނު ބޮޑަށް ގުޅިލާމެހިފައިވާ އެއާޕޯޓެއް ކަމުގައި ވިޔަސް، މި އަހަރުގެ މި ފާއިތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި މާލެއަށް ރެފަރ ކޮށްފައިވާ 115 ކޭސްގެ ތެރެއިން ކުޅުދުއްފުށީ އެއާޕޯޓުން ރެފަރ ކުރެވިފައިވަނީ އެންމެ 22 އިންސައްތަ ނުވަތަ 26 ކޭސް ކަމަށެވެ.
އަދި މީގެ ތެރެއިންވެސް ކުޅުދުއްފުށީ މަގުން ޝެޑިއުލް ފްލައިޓެއްގައި ގެންދެވިފައިވަނީ އެންމެ 2 އިންސައްތަ ނުވަތަ 3 ކޭސްކަމަށް ޔާސިރު ވިދާޅުވި އެވެ. އަދި 2021 ވަނަ އަހަރަށް ބަލާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މާލެއަށް 170 ބަލި މީހުން ރެފަކުރެވިފައިވާއިރު، ކުޅުދުއްފުށީ އެއާޕޯޓުން ގެންދެވިފައިވަނީ 49 މީހުން ނުވަތަ 29 އިންސައްތަ މީހުންކަން ޔާސިރު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ މި ބަލިމީހުންގެ ތެރޭގައި ގިނައީ ސްޓްރޯކް އާއި ހާޓްއެޓޭކް އަދި ފުއްޕާމޭގެ ބަލިތައް ފަދަ ހާލު ބޮޑު ބަލި މީހުންކަމުގައި ވާއިރު މާލެއަށް، ފަސްގަނޑުގައި އެއާޕޯޓެއް އޮވެ 71 އިންސައްތަ ގަދަ ކަނޑު ކަޑައްތު ކުރަން ޖެހުމަކީ ބަލި މީހާއަށްވެސް އަދި އާއިލާތަކަށް ވެސް ނުހަނު ހިތްދަތިކަމާ ކުރިމަތިލާންޖެހޭ ކަމެއްކަމަށެވެ.
"މިމަސައްކަތުގައި ސަރުކާރުގެ މުއައްސަސާތަކުން ފެއިލް ވެފައިވާކަން ހިތާމަޔާއެކު ފާހަގަކުރަން. އަދި ރައީސުލް ޖުމްހޫރިއްޔާގެ ވައުދުތައް ފުއްދުމުގައި މުއައްސަސާތަކުން މިހާރަށްވުރެ ބޮޑަަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމުގައި ދެކެން" އެމްޑީޕީއަށް ނިސްބަތްވާ ޔާސިރު ވިދާޅުވި އެވެ.