twitterviber whatsapp telegramfacebookyoutube instagram
24th October 2026

ސާފުކުރުމުގެ ދުވަހު އިދާރާތަކުން ބައިވެރިވާން އެދެފި

Sep 11, 2022

ދުނިޔެ ސާފުކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކި އިދާރާތަކުން ސާފު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން އެދިއްޖެ އެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 17 ވަނަ ދުވަހަކީ ދުނިޔެ ސާފުކުރުމުގެ ދުވަސް ކަމަށްވާތީ ސަރުކާރުގެ އިދާރާތަކާއި، ސްކޫލްތަކާއި، ރިސޯޓުތަކުގެ އިތުރުން މިނޫންވެސް އެހެން ފަރާތްތަކުން ސާފުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގަން އެދޭ ކަމަށެވެ.

މި ދުވަސް ފާހަގަކުރުމަށް މޫދާއި އެއްގަމާއި މަގުތަކުގައި ހުރި ކުނިތައް ނަގައި ސާފުކޮށް އެ ކުނިތައް ރައްކާތެރިކަމާއެކު ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައިވެ އެވެ.

ސާފުކުރުމުގެ ޕްރޮގްރާމް ރާވާ ފަރާތްތަކުން، ސާފުކުރާ ދުވަހުގެ ވެބްސައިޓްގައި ރަޖިސްޓާކޮށް، ވެބްސައިޓުގައި އެ ޕްރޮގްރާމް ހިމަނަންޖެހެ އެވެ.

އީޕީއޭ އިން ބުނީ މިގޮތަށް ވެބްސައިޓުގައި ހިމެނޭ ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ވޮލެންޓިއަރުންނަށް ވެސް އެ ވެބްސައިޓުގައި ރަޖިސްޓާކޮށް، ބޭނުންވާ ސާފުކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ދުވަސް ފާހަގަކުރުމަށް ރާވާ ހަރަކާތްތައް ހިންގުމުގައި ކުނި މެނޭޖުކުރުމާ ބެހޭ ގަވައިދާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އީޕީއޭއިން އިލްތިމާސްކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293