twitterviber whatsapp telegramfacebookyoutube instagram
28th March 2024

ނެޓްބޯޅަ އޭޝިއާ ރޭންކިންގެ ހަތްވަނަ ރާއްޖެއަށް

މުޙައްމަދު އަހުމަދު
Sep 12, 2022

ސިންގަޕޫރުގައި ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ކުޅުނު ފަހު މެޗުން ބުރުނާއީ އަތުން ބަލިވި ނަމަވެސް ރާއްޖެއަށް ނެޓްބޯޅަ އޭޝިއާ ރޭންކިންގެ ހަތް ވަނަ ލިބިއްޖެ އެވެ.

މިފަހަރުގެ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި 11 ގައުމަކުން ވާދަކުރިއިރު މިމުބާރާތް ކުރިއަށްސިޔައީ މިމަހުގެ 3 ން 11 ގެ ނިޔަލަށެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރި ގައުމުތަކަކީ ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ، ފިލިޕީންސް، މެލޭޝިއާ، ސިންގަޕޫރު އަދި ހޮން ކޮންގާ ތައިލެންޑް، ޖަޕާން، ބުރުނާއީ އަދި ޗައިނީސް ޓައިޕޭ އެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި ރާއްޖެ ހިމެނުނު ގްރޫޕުގައި ދެން ތިބީ ސިންގަޕޫރާއި ޖަޕާނެވެ. ރާއްޖޭން ވަނީ ސިންގަޕޫރު އަތުން ބަލިވި ނަމަވެސް ޖަޕާން އަތުން މޮޅުވެ ގްރޫޕުގެ ދެވަނަ ހޯދާފަ އެވެ.

ދެ ވަަނަ ބުރުގައި ފިލިޕީންސް، ބުރުނާއީ އަދި ތައިލެންޑާ އެއް ގްރޫޕެއްގައި ރާއްޖެ ލައްވާލިއިރު މިބުރުގައި އިންޖަރީގެ މައްސަލަތަކާ ހެދި ތައިލެންޑުން ވާދަނުކުރި އެވެ. މިގްރޫޕުގައި ރާއްޖެ ކުޅުނު ފަހު މެޗުން ބުރުނާއީ އަތުން ބަލިވީ 42 - 51 ންނެވެ. އޭޝިއަން ރޭންކިންގެ ހަވަނައަށް ދިޔައީ ބުރުނާއީ އެވެ. އަދި ފަސްވަނަ ހޯދީ ފިލިޕީންސް އެވެ.

މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސްރީ ލަންކާ އެވެ. ހަވަނަ ފަހަރަށް ސްރީ ލަންކާއިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މުބާރާތް ބޭއްވި ގައުމު ސިންގަޕޫރު 63 - 53 ން ބަލިކޮށްގެންނެވެ. ތިންވަނަ ލިބުނީ މެލޭޝިއާ އަށެވެ. މިމުބާރާތުގެ ދެފައިނަލިސްޓުން ކަމަށްވާ ސިންގަޕޫރާއި ސްރީ ލަންކާ ވަނީ އަންނަ އަހަރު އޮންނަ ނެޓްބޯލް ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.

މުބާރާތުގެ ހަތްވަނަ ލިބުނު ކަމުގައި ވިއަސް ރާއްޖޭން ވަނީ އޭޝިއަން އިންޑޯ ގޭމްސްއަށް ކޮލިފައިވެފަ އެވެ. މިފަހަރުގެ މުބާރާތަށް ރާއްޖޭން ނެރެފައިވަނީ ޒުވާން ޓީމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355