ވުޟޫއަކީ ނިޔަތަކާއެކު ވަކި ތަރުތީބަކުން ހަށިގަނޑުގެ ބައެއް ގުނަވަންތައް ދޮވެ ސާފުކުރުމެވެ. މުސްލިމުންގެ މައްޗަށް ފަރުޟު ވެގެންވާ ނަމާދު ޤާއިމު ކުރެވެނީ ވުޟޫ މަތީގައެވެ. މާތް ﷲ ގެ ކަލާމްފުޅު، އިންސާނުންގެ ދިރިއުޅުމުގެ އިލާހީ ޤާނޫނު، އާދެ! ކީރިތި ޤުރުއާގައި އަތްލުމުގެ ކުރިންވެސް ވުޟޫ ކުރަންޖެހެއެވެ. ވުޟޫއަކީ ހަމައެކަނި ޖިސްމާނީގޮތުން ފައިދާ އެކުލެވިފައިވާ ކަމެއް ނޫނެވެ. ރަނގަޅު ގޮތުގައި ވުޟޫކޮށްފި މީހަކަށް ދެދުނިޔޭގައިވެސް އުފާވެރިކަން ހުއްޓެވެ. ވުޟޫ ވުޟޫއިން ލިބޭ ފައިދާތަކުގެ ތެރޭގަައި:
1. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"ތިމަންކަލޭގެފާނު މިވުޟޫ ކުރެއްވިފަދައިން ވުޟޫކޮށް، އެއަށްފަހު އަމިއްލަ ފިކުރުތަކުން އެއްކިބާވެގެން ހުރެ ދެރަކުޢަތް ނަމާދެއްކޮށްފި މީހާގެ އިސްވެ ދިޔަހައި ފާފައެއް ފުއްސަވައިދެއްވާނެތެވެ." (ބުޚާރީ)
2. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"އެކަމެއްގެ ސަބަބުން الله ފާފަތައް ފުއްސަވާ އަދި އެކަމެއްގެ ސަބަބުން ދަރަޖަތައް މަތިވެރިކުރައްވާ ކަމެއްގެ އިރުޝާދު ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ނުދެއްވާނެހެއްޔެވެ؟ އަޞްހާބު ބޭކަލުން ދެންނެވިއެވެ. ނޫނެކެވެ. އެކަމުގެ އިރުޝާދުދެއްވާށެވެ! އޭ اللهގެރަސޫލާއެވެ.!
އެކަލޭގެފާނު ހަދީސްފުޅު ކުރެއްވިއެވެ. އެއީ ހިތްނުރުހޭ ހާލަތްތަކުގައި (އެބަހީ: ފިނިގަދަ ރޭތައްފަދަ ދަތި ވަގުތު ތަކުގައި) ވުޟޫ ފުރިހަމަކޮށް ކުރުމާއި، މިސްކިތްތަކާ ދިމާލަށް ފިޔަވަޅުތައް ގިނަވުމާއި (އެބަހީ: މިސްކިތް ދުރުވުމާއެކު މިސްކިތަށް ނަމާދަށް ދިޔުމާއި) އެއް ނަމާދުން އަނެއް ނަމާދަށް އިންތިޒާރު ކުރުމެވެ. (ނަމާދަށް) ރައްކާތެރިވުމަކީ އެއީއެވެ." (މުސްލިމް)
3. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ފުޅުން އެނގެން އޮތް ގޮތުގައި ވުޟޫ ކުރަން އަތަށް ފެންލުމުން އަތުން ކުރެވިފައިވާ ފާފަތައް ފުހެވިގެންދެއެވެ. އެންމެ ފަހު ފެންތިއްކާއި ހަމައަށްވެސް މެއެވެ. މޫނަށް ފެންލުމުން ވެސް ހަމަ މިފަދައިން ފާފަތައް ފުހެވިގެންދެއެވެ.
އެއިގެ ތެރޭގައި ލޮލުން ކުރެވިފައިވާ ފާފަތައްވެސް ހިމެނެއެވެ. ވުޟޫކުރުމުން ފައާއި ކަންފަތާއި ދުލުން ކުރެވިފައިވާ ފާފަތައްވެސް ފުހެވިގެންދެއެވެ.
ހައްދަވާ ގެންގުޅުއްވާ ރަސްކަލާކޮ! އަޅަމެންނަށް ހެޔޮ ރަޙުމަތް ލައްވާ އަޅުގަނޑުމެންގެ ފާފަތައް ފުއްސަވާނދޭވެ. އާމީން.