twitterviber whatsapp telegramfacebookyoutube instagram
11th September 2026

މާތްﷲ ގެ ރައްކާތެރިކަމާ ހިމާޔަތުގައި އަބަދު ހުރުމަށް އެދޭ މީހާ

ހ.މ
Sep 20, 2022

މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ: "ފަތިސްނަމާދުކޮށްފި މީހާވަނީ މާތް ﷲ ގެ ރައްކާތެރިކަމުގެ ދަށުގަ އެވެ. ފަހެ، ހަމަކަށަވަރުން ﷲ ލައްވާފައިވާ ރައްކާތެރިކަން ނިގުޅައި އިހުމާލުވެއްޖެ މީހާ ނަރަކައިގެ ތެރެއަށް އެއްލާލައްވާނެތެވެ." (މުސްލިމް)

މިއަށްވުރެ ބޮޑު ރައްކާތެރިކަމެއް ލިބޭނެ ހެއްޔެވެ؟ ނިކަން ވިސްނަވާ ބައްލަވާށެވެ. ދުނިޔޭގެ ފަސާދައިގައި ނަފުސު ހަލާކުން ސަލާމަތް ކުރުމަށް އެދޭ މީހާއަށް މިއީ ލިބޭ ރަނުގެ ފުރުސަތެކެވެ.

ފަތިސް ނަމާދަކީ އެންމެ ގިނަ މީހުން އިހުމާލު ކުރެވޭ ފަރުޟު ނަމާދެވެ. މިސްކިތްތަކުގެ ޖަމާޢަތްތަކަށް ނަޒަރު ހިންގާލުމުންވެސް މިކަން ސާފުކޮށް އެނގޭނެއެވެ. ނަމާދަކީ މާތްވެގެންވާ އިސްލާމް ދީނުގެ 2 ވަނަ ރުކުން ކަމުގައިވީ ހިނދު މިއަޅުކަމާމެދު ފަރުވާތެރިވުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ތިރީގައި އެވަނީ ފަތިސް ނަމާދުގެ ދަރުމައާ މާތްކަމާއި ގުޅޭ ބައެއް ހަދީސްފުޅުތަކުގެ މާނައެވެ.

1 - މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ:

"މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރު ވިލޭރޭގެ ފަތިސް ނަމާދެވެ."

2 - މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ:

"އިޝާ ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި ރޭއަޅުކަން ކުރިފަދައެވެ. އަދި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ މުޅި ރޭގަނޑު އެކުއެކީގައި އަޅުކަމުގައި ޤާއިމްވެހުރި މީހެއްފަދަ އެވެ" (މުސްލިމް)

3 - މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ:

"ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް، އެއަށްފަހު އިރުއަރަންދެން ޛިކުރު ކުރުމަށްޓަކައި އިނުމަށްފަހު، ދެ ރަކުޢަތް ނަމާދެއް ކޮށްފިމީހާއަށް ޙައްޖެއް އަދި ޢުމުރާއެއް ކުރުމުގެ އަޖުރު ހުއްޓެވެ."

4 - މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ:

"މިސްކިތްތަކަށް އަނދިރީގައި ހިނގާފައިދާ މީހުންނަށް، ޤިޔާމަތް ދުވަހުގައި ފުރިހަމަ ނޫރެއް ވާކަމުގެ އުފާވެރި ޚަބަރުދޭށެވެ."

މާތް ﷲ އަޅަމެންނީ ނަމާދަށް ރައްކާތެރިވާ ބަޔަކު ކަމުގައި ލައްވާށި! އާމީން.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293