ކުރިން ރާއްޖޭގައި ހިންގިފައި ނުވާފަދަ އެތައް މަޝްރޫއުތަކެއް މިހާރު ހިނގަމުންދާއިރު، އެދާއިރާތަކުން ތަމްރީންވެފައިވާ ދިވެހި ޒުވާނުން މިހާރު ބޭނުންވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ވިލާ ކޮލެޖުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް އެވޯޑު ހާސިލުކުރި ދަރިވަރުންނަށް އެވޯޑް ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ސިއްހީ ހިދުމަތްތަކާއި މަތީ ތައުލީމު ފަދަ ހިދުމަތްތައް ފުޅާކޮށް ފޯރުކޮށްދިނުމަށްޓަކައި އަމިއްލަ ފަރާތްތަކުން ކުރައްވާ މަސައްކަތްތައް ފަސޭހަކޮށްދެއްވުމަށް، ސަރުކާރަށް ކޮށްދެއްވެން އޮތް ހުރިހާކަމެއް ކޮށްދެއްވާނެ ކަމަށެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހީނަރުކަން ކުރިމަތިވި ސަބަބުތަކުގެ ތެރޭގައި އެއް ސިނާއަތަކަށް ބަރޯސާވުން ހިމެނޭ ކަމަށެވެ. ވަކި ސިނާއަތަކަށް އެކަނި ބަރޯސާނުވެ، ހުރިހާ ދާއިރާއަކުންވެސް މީހުން ބިނާކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެން އެބަޖެހޭ ޕޮސިޓިވް އިކޮނޮމިކް ގްރޯތަކަށް ވިސްނާކަމަށް ވަންޏާ ޑައިވާސިފައި ކުރުމަށް މަސައްކަތްތަކެއް ކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.
ކުރިމަތިވެދާނެ ހާލަތްތަކަށް ތައްޔާރުވެފައިވާ މުޖުތަމައުއެއް އުފެއްދުމަށް އާ ވިސްނުންތަކެއް ނެރެންޖެހޭކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ހުރިހާ ދާއިރާތަކުން މީހުން ބިނާކުރަން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.
މިރަސްމިއްޔާތުގައި، ގާސިމް އިބްރާހީމް އެވޯޑް ފޯ އެކްސެލެންސް ހާސިލުކުރި 22 ދަރިވަރުންނަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.
މީގެއިތުރުން ވިލާ ކޮލެޖުގެ ގޯލްޑް މެޑަލް އަދި އިންޑަސްޓްރީ އިނާމު ހާސިލުކުރި 42 ދަރިވަރަކަށާއި ބުކް ޕްރައިޒް ހާސިލުކުރި 107 ދަރިވަރެއްގެ އިތުރުން އޭސީސީއޭ ނެޝަނަލް އެސިޑެންޓް ޕްރައިޒް ހާސިލުކުރި ހަތް ދަރިވަރަކަށް ވެސް އެވޯޑް ދީފައިވެ އެވެ.