ރާއްޖޭގައި އަރަމުން އަންނަ ޒުވާން ހުނަރުވެރި ބޮޑީބޯޑަރު އާމިން އުމަރު މޫސާ އެންމެ ފަހުން ނެރުނު ބޮޑީބޯޑިން ދުނިޔޭގެ ޖޫނިއާ ރޭންކިންގެ 3 ވަނައަށް ޖެހިލާ ރާއްޖޭގެ ކުޅިވަރު ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ ކާމިޔާބީއެއް ހޯދައިފި އެވެ.
ބޮޑީބޯޑިންގެ އިތުރުން ރާއްޖޭގެ ކުޅިވަރެއްގައި ދުނިޔޭގެ ރޭންކިންގައި މިހާ ކުރިއަށް އެތްލީޓަކު ޖެހިލި މީ ފުރަތަމަ ފަހަރަށް ވާއިރު އާމިން ވެގެންގޮސްފައިވަނީ ދުނިޔޭގެ ރޭންކިންގެ އިތުރުން ބޮޑީބޯޑިންގެ އެންމެ މަތީ ފަންތީގެ މުބާރާތެއްގެ ފައިނަލުގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި އެތުލީޓަށެވެ.
މިދިޔަ މަހު މާލޭގައި ކުރިއަށްދިޔަ އައިބީސީ ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯ 2022ގެ ޖޫނިއާ ފައިނަލުގައި ވާދަކޮށްފައިވާތީ އާމިންއަށް މިޝަރަފު ލިބުނުއިރު އޭނާއަކީ ކުލަބް ވެލެންސިއާގެ ޔޫތް ކެޕްޓަން ވެސްމެ އެވެ.
މޯލްޑިވްސް ޕްރޯގެ ފައިނަލުގައި ވާދަކޮށް އާމިން ވަނީ ދުނިޔޭގެ ބޮޑީބޯޑިންގެ އެންމެ މަތީ ފަންތީގައި ދިވެހި ޒުވާން އެތުލީޓުންނަށް ވާދަކުރެވޭނެ ކަން އަދި ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެ ކަން ސާބިތުކޮށްދީ ޒުވާން އެތްލީޓުންނަށް އުއްމީދުގެ އަލިކަމެއް ދައްކައިދީފަ އެވެ.
ދުނިޔޭގެ ރޭންކިންގެ ޖޫނިއާ ލެވެލްގައި ދުނިޔޭގެ އެއް ވަނައިގައި 2000 ޕޮއިންޓާއެކު ފަސް ބޮޑީބޯޑަރަކު އޮތެވެ. އެއީ ސްޕެއިންގެ ގެބްރިއަލް މޮލީނާއާއި ޖޯޖް ހެނާންޑޭޒްގެ އިތުރުން ޕޯޗުގަލްގެ ޖޮއެލް ރޮޑްރިގޭސް އަދި ޕެރޫގެ މައިކޯލް ޔަންސޭއާއި ބްރެޒިލްގެ ޕައޮލޯ ގަލާޓީ އެވެ. މޯލްޑިވްސް ޕްރޯގެ ފައިނަލުގައި އާމިން ވާދަކުރި ބޯޑީބޯޑަރަކީ ގެބްރިއަލް މޮލީނާ އެވެ. ރޭންކިންގެ 3 ވަނައިގައި އާމިން އޮތީ 1720 ޕޮއިންޓާއެކު އެވެ.
ޖޫނިއާ ރޭންކިން ފައިނަލް ވާނީ އަންނަ އޮކްޓޫބަރު މަހު 15 ން 30 އަށް ކެނެރީ އައިލެންޑްގެ ޕްރޮންޓޮން ކިންގްގަ އޮންނަ އައިބީސީ އިވެންޓަށް ފަހު އެވެ. މިމުބާރާތުގައި ދުނިޔޭގެ ޖޫނިއާ ވޯލްޑް ޗެމްޕިއަން ކަނޑައަޅާނެ އެވެ.
ޕްރޮންޓޮން ކިންގް މުބާރާތުގައި އާމިންއަށް ވާދަކުރެވޭތޯ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން މަސައްކަތް ކުރަމުން އަންނައިރު މިމުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދައިގެން އާމިންއަށް ދުނިޔޭގެ ރޭންކިންގައި ކުރިއަށް ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ.