twitterviber whatsapp telegramfacebookyoutube instagram
3rd June 2023

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވެވޭނެ

ނަބީލާ އިސްމާޢީލް
Sep 22, 2022

މިސްކިތްތަކަށް އެހީވާ ވަގްފް ފަންޑަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ ގޮތް އުރީދޫ މޯލްޑިވްސްއިން ހަދައިފިއެވެ.

އެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ ކ. ހިންމަފުށި، މަސްޖިދުލް އިނާރާ މިސްކިތުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު އަޙްމަދު ޒާހިރު އަލީއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވިީ ރައްޔިތުންގެ ތެރޭގައި މިސްކިތްތަކަށް އެހީވުމަށްޓަކައި ސަދަގާތް ކުރަން ބޭނުންވާ ވަރަށް ގިނަ މީހުން ތިބި ކަމަށެވެ. އެހެންކަމުން ވަގްފު ފަންޑަށް ފައިސާ ޖަމާކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަކީ މިނިސްޓްރީން އަބަދުވެސް ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތުން އުރީދޫ އެމް ފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވުމުގެ ފުރުސަތު ހޯދައިދެވިގެން ދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނޭކަން ގަބޫލުކުރަން. އަދި މިކަމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު ޙާލިދް އަލް ހަމާދީ ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ މުޖުތަމައުތައް ބިނާކޮށް، ދިވެހިންގެ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ތަރައްގީއަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. އަދި ވަގްފް ފަންޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކަންކަމަށް ފަންޑުކުރުމުގައި އެންމެ ދެމެހެއްޓެނިވި އެއް ވަސީލަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމާއި ތަރައްގީ ކުރުމަށް އިސްލާމިކް މިނިސްޓްރީން އުފައްދާފައިވާ ވަގްފް ފަންޑަށް އަޅުގަނޑުމެންގެ މޯބައިލް މަނީ ޕްލެޓްފޯމް އެމް-ފައިސާ މެދުވެރިކޮށް ރައްޔިތުންނަށް ފައިސާ ވަގްފް ކުރެވޭނެ މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވިއެވެ.

އެމްފައިސާ މެދުވެރިކޮށް ވަގްފު ފަންޑަށް ފައިސާ ޖަމާކުރުމަށް، މިސްކިތްތަކުގައި ބަހައްޓާފައިވާ ކިއުއާރު ކޯޑު އުރީދޫ އެޕް މެދުވެރިކޮށް ސްކޭން ކޮށްގެން ބޭނުންކުރެވޭނެއެވެ. އެ ޚިދުމަތް އިފުތިތާހު ކުރުމުގެ ގޮތުން ފުރަތަމަ ކިއުއާރު ކޯޑް ބަހައްޓާފައިވަނީ ހިންމަފުށީގައި ހުންނަ މަސްޖިދުލް އިނާރާގައެވެ.

އެމް ފައިސާ މެދުވެރިކޮށް ސަދަގާތް ކުރުމަށް ކިއުއާރު ކޯޑުތައް އެހެން މިސްކިތްތަކުގައިވެސް އަދި ބަހައްޓާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އެމް-ފައިސާ މެދުވެރިކޮށް އުރީދޫއިން މިހާރު އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އަދި ޕީސް ފައުންޑޭޝަން ހިމެނެއެވެ.

ވަގްފު ފަންޑަކީ މިސްކިތްތައް އިމާރާތްކުރުމަށާއި މިސްކިތްތަކުގެ މަރާމާތަށާއި މިސްކިތްތަކަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް މިސްކިތްތަކަށް ބޭނުންވާ އެކިއެކި ކަންކަމަށް ފައިސާ ވަގްފު ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އުފައްދާފައިވާ ފަންޑެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355