twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރާއްޖޭގެ އެއްވަނަ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލަށްވުމަށް ކޭއާރުއެޗުން އަމާޒު ހިފައިފި

އަބްދުލް ވާހިދު ޙަސަން
Sep 24, 2022
2

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ރާއްޖޭގެ އެއްވަނަ މަލްޓި ސްޕެޝާލިޓީ ހޮސްޕިޓަލަވުމަށް އެ ހޮސްޕިޓަލުގެ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނައި، އެއަމާޒަށް މަސައްކަތް ފަށައިފި އެވެ.

2022-2026 ވަނަ އަހަރަށް އެކުލަވާލި އެ ހޮސްޕިޓަލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ލޯންޗުކޮށްދެއްވީ އެކަމަށްޓަކާ ބުރާސްފަތިދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައީސް އޮފީހުގެ ސެކްރެޓަރީ، ކެބިނެޓް އެފެއާޒް އަހުމަދު ހަސަން ދީދީ އެވެ.

މި ހާއްސަ ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑްގެ ޗެއާރޕާސަން އައިމިނަތު ގާސިމާއި ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދާއި ކުޅުދުއްފުށީ މޭޔަރު އަދި ބޯޑު މެމްބަރުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން ހދ އަތޮޅުގެ ސިއްހީ މަރުކަޒުތަކުގެ ވެރިންނާ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޭއާރުއެޗު ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު (ޑޭވިޑް) ވިދާޅުވީ، މިރޭ ކަނޑައެޅި ދުރުރާސްތާގެ މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

"ހާއްސަ ގޮތެއްގައި މިރޭ އަޅުގަނޑުމެން މި ކަނޑައެޅި ދުރުރާސްތާ ލަނޑުދަނޑި، ރާއްޖޭގެ އެއްވަނަ މަލްޓި ސްޕެޝާލިޓީ ހޮސްޕިޓަލަށްވުމަށް ގިނަ މަސައްކަތްތަކެއް އެބަ ޖެހޭ ކުރަން. އަދި އަޅުގަނޑުމެންގެ ދަށުން ހިނގަމުން އަންނަ 12 ހެލްތު ސެންޓަރު ޝާމިލުކުރެވިގެން މިއަތޮޅަކީ ސިއްހީ ގޮތުން ކުރިއަރާފައިވާ އަތޮޅަކަށް ހަދަން އެބަ ޖެހޭ." ޑޭވިޑް ވިދާޅުވި އެވެ.

ފުރަތަމަ ފަސް އަހަރަށް ޕްލޭން އެކުލަވާލެވިފައިވާއިރު މި ޕްލޭން މޮނިޓަރކޮށް ރިވިއުކޮށް ތަންފީޒުކުރުމަކީ މިކަމުގެ ބޮޑު ބައި ކަމަށްވާއިރު އެމަގުން މަސައްކަތްކުރުމަށް ހުރިހާ މުވައްޒަފުންގެ އަރިހުން އޭނާ އެދިވަޑައިގެންނެވި އެވެ.

"
ހާއްސަ ގޮތެއްގައި މިރޭ އަޅުގަނޑުމެން މި ކަނޑައެޅި ދުރުރާސްތާ ލަނޑުދަނޑި، ރާއްޖޭގެ އެއްވަނަ މަލްޓި ސްޕެޝާލިޓީ ހޮސްޕިޓަލަށްވުމަށް ގިނަ މަސައްކަތްތަކެއް އެބަ ޖެހޭ ކުރަން. އަދި އަޅުގަނޑުމެންގެ ދަށުން ހިނގަމުން އަންނަ 12 ހެލްތު ސެންޓަރު ޝާމިލުކުރެވިގެން މިއަތޮޅަކީ ސިއްހީ ގޮތުން ކުރިއަރާފައިވާ އަތޮޅަކަށް ހަދަން އެބަ ޖެހޭ.
ކޭއާރުއެޗުގެ ޑެޕިއުޓީ ސީއީއޯ ޑޭވިޑް

އެމަގަށް ވާސިލުވުމުގެ ގޮތުން ރަށަށް ޒިރާޔާތްކުރާ މެހެމާނުންނަށް ކަމޭހިތާ އަޅާލުމާއި އޯގާތެރިކަމާއެކު ހިދުމަތް ފޯރުކޮށްދޭ ބަޔަކަށް ހުރިހާ މުވައްޒަފުންވުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ. އަދި ހަމައެގޮތަށް ހުރިހާ މުވައްޒަފުންނަކީވެސް އެކަކު އަނެކަކަށް އިހްތިރާމާއެކު މުއާމަލާތްކުރާ ބަޔަކަށްވުމަށްވެސް ޑޭވިޑް އެދިލެއްވި އެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އެމަނިކުފާނަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ. އަދި މިދައުރުގައި ކޭއާރުއެޗުގެ ތަރައްގީއަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށްދެއްވާފައިވާކަމަށް ވިދާޅުވެ ބައެއް ކަންތައްތައް ޑޭވިޑް ފާހަގަކުރެއްވި އެވެ.

އެގޮތުން، އެމްއާރުއައި، ސީޓީ ސްކޭނިންގ، ސްޕީޗު ތެރަޕީގެ ހިދުމަތާއި މުވައްޒަފުން އިތުރުކުރުމާއި ސީއެސްއެސްޑީ، އާ ވާރޑް އިމާރާތާއި އާ އޯޕީޑީ އިމާރާތާއި، އާ ވެހިކަލް ހޯދިފައިވާކަން ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ކޭއާރުއެޗަކީ އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދައި ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355