ހުކުރު ވަގުތު ކައިރިވެލަންދެން ކޮޓަރީގައި އަރުޝަން އޮތީ، ލޯންޗު ދަތުރަކަށްފަހު ވަރުބަލި ފިލުވާލުމަށެވެ. އޭސީން ދުން އަރަން ފެށުމުން ފުރަތަމަ ކަމެއް ވާކަމެއް ނޭނގެއެވެ. އާންމުކޮށް ހުކުރު ދުވަހުގެ މެންދުރު ކުރީގެ ވަގުތަކީ ގޭގޭތަކުގައި ކައްކާ ދުވަސްތަކެއް ކަމަށްވާތީ، ދުމާ އެއްކޮށް ދުވަންފެށި ވަހަށްވެސް އަޅައި ނުލެވެއެވެ. އެހެން އޮއްވައި، ބާރު އަޑުފައްގަނޑަކާ އެއްކޮށް އޭސީގެ އެކި ދިމަދިމާލުން ދުން ނިކުންނަން ފެށުމުން، ދުވެފައި ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު ޖެހިގެން ހުރި ކޮޓަރި (ގުދަނެއްގެ ގޮތުގައި ބޭނުންކުރާ) ގައި ބޮޑު އަލިފާންގަނޑެއް ރޯވެފައެވެ.
ދުވެފައި ގޮސް ދަރިންކޮޅާ އަންހެނުން ކޮޓަރިން ބޭރަށް ނެރުނެވެ. ބައްޕަ ކޮބައިތޯ ގޮވި އިރު، ހުކުރަށް ދިޔުމަށް ބައްޕަ ހުރީ ފެންވަރަން ފާޚާނާގައެވެ. ބާރަށް ގޮވައި ބައްޕަވެސް އެތަނުން ނެރުނެވެ. ދެން އެއްޗެއް ސަލާމަތް ކުރެވޭތޯ އަރުޝަން މަސައްކަތް ފެށިއެވެ. އޭރު އަލިފާންގަނޑު އިތުރަށް ބޮޑުވެ ފެތުރެނީއެވެ. ސަލާމަތް ކުރެވުނީ ގޮދަނޑިއަކާ ލެޕްޓޮޕެއް އެކަންޏެވެ. 9 އަހަރު ދުވަހުގެ މަސައްކަތް ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި އަލިފާނާއެކު އެދިޔައީ އަޅިއަށް ވެގެންނެވެ.
ހއ. އިހަވަންދޫ ނަލައައްސޭރި ގޭގައި 2 ސެޕްޓެންބަރު 2022 ވަނަ ދުވަހު ހިނގި މި އަލިފާނުގެ ހާދިސާގައި ޙުސައިން އަރުޝަން އާއި އޭނާގެ އާއިލާއަށް ލިބުނު މިބޮޑު ގެއްލުމަކީ އެމީހުންގެ ހަޔާތުން ދުވަހަކުވެސް ފިލައިގެން ނުދާނެ ހިތާމަވެރި ހާދިސާއެކެވެ. ޖުމްލަ 3 ކޮޓަރިއާ ބަދިގެއާ ސިޓިންގ ރޫމެއް ހިމެނޭ މިއިމާރާތުގެ އަލިފާނުން މުޅިގެއަށް ވަނީ ގެއްލުން ލިބިފައެވެ. 3 ކޮޓަރީގެ ތެރެއިން އަލިފާން ފުރަތަމަ ހިފި ކޮޓަރިއަކީ ގުދަނެއްގެ ގޮތުގައި އެއްޗެހި ރައްކާކުރަމުން އަންނަ ތަނެކެވެ.
"ދިރިއުޅުމަށް ހެދިފައިހުރި 2 ކޮޓަރިއަކީ އަމިއްލަ މަސައްކަތުން ހޯދި ލާރިން އަމިއްލައަށް ހަދާފައިވާތަންތަން. އެތަނުގެ އެންމެ ކަމެއް ފިޔަވައި ހުރިހައި ކަމެއް ކުރީ އަމިއްލައަށް. ކޮޓަރިތަކަށާ ގޭގެ އެހެނިހެން ފަރުނީޗަރާ ތަނުގެ ގިނަ ތަކެއްޗަކީވެސް، ރަނގަޅު ފެންވަރަށް ބޮޑު ޚަރަދު ކޮށްގެން ކޮށްފައިވާ މަސައްކަތެއް. އެހެންވީމަ ސީދާ އަގެއް ނޭނގެ. އަދާ ހަމަޔަށް ދިރިއުޅުމަށް ކުރި ހުރިހާ ކަމެއް އެދިޔައީ." އަރުޝަން މިނޫހަށް މައުލޫމާތު ދެމުން ކިޔައިދިނެވެ.
""ނިދަން އޮވެފަ ކުއްލިޔަކަށް ހޭލަފާނެ ރޮމުން ރޮމުން. ބިރުވެސް ގަނެފަ ހުންނަނީ. ދެން ކިޔާނެ. ބައްޕާއޭ. އަޅުގަނޑުގެ ހެދުމުގައި އަލިފާން ރޯވަނީއޭ." ކުޑަ ދެކުދިންނަށް ކޮށްފައިހުރި އަސަރު އަރުޝަން ކިޔައިދިނެވެ.ކުޑަ ދެކުދިންނަށް ކޮށްފައިހުރި އަސަރު އަރުޝަން ކިޔައިދިނެވެ.
މިފަދަ ކަމެއް ގަސްތުގައި މީހަކު ކޮށްފާނެ ކަމަކަށް އެއާއިލާއަކުން ނުދެކެއެވެ. ނަމަވެސް އަލިފާން ރޯވި ކޮޓަރީގައި އެއްވެސް ކަރަންޓެއްވެސް ނުހުރެއެވެ. އަދި އަލިފާނާއި ގުޅޭ އެއްވެސް އެއްޗެއް އެތާގައި ނެތެވެ. އެހެންކަމުން އަލިފާން ރޯވާން ޖެހުނު ސަބަބާމެދު އެ އާއިލާއިން އަދިވެސް ތިބީ ބޮޑު ސުވާލެއްގެ ތެރޭގައެވެ.
އަލިފާނުގެ މިހާދިސާގައި އަރުޝަންއާއި އޭނާގެ އާއިލާގެ މެންބަރުން ލައިގެން ތިބި އަންނައުނު ފިޔަވައި އިތުރު އަންނައުނެއްވެސް ސަލާމަތެއް ނުކުރެވުނެވެ. ކުޑަ ދެދަރިންގެ ލޯ ކުރިމަތީގައި ހިނގާދިޔަ މި ނުރައްކާތެރި ހާދިސާއިން ނަފުސާނީ ގޮތުން އެކުދިންނަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވެއެވެ.
"ނިދަން އޮވެފަ ކުއްލިޔަކަށް ހޭލަފާނެ ރޮމުން ރޮމުން. ބިރުވެސް ގަނެފަ ހުންނަނީ. ދެން ކިޔާނެ. ބައްޕާއޭ. އަޅުގަނޑުގެ ހެދުމުގައި އަލިފާން ރޯވަނީއޭ." ކުޑަ ދެކުދިންނަށް ކޮށްފައިހުރި އަސަރު އަރުޝަން ކިޔައިދިނެވެ.
އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބުނު މިހާދިސާއަށްފަހު، އިހަވަންދޫގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމުގައި ހުސައިން އަރުޝަން ފާހަގަކުރެއްވިއެވެ. ދަރިންނާ އާއިލާގެ އެންމެންނަށް ދިރިއުޅުމައިގެން ކުރިޔަށް ދިޔުމަށް މާލީގޮތުންނާ މުދަލުންވެސް ވަރަށްބޮޑު އެހީތެރިކަމެއް ދެމުން ގެންދެއެވެ. ކުލަބު ޖަމިއްޔާތަކާ ފިހާރަތަކުންވެސް އެހީތެރިކަން ލިބުނެވެ. އަދި އެހީ ޖަމިއްޔާ އިންވެސް އެހީތެރިވަމުން އާދެއެވެ. އެބޭފުޅުންގެ އެހީތެރިކަމާއެކު ދިރިއުޅުމަށް އަލުން ގެ ހެދޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.