ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކުރާ ކަނބަލުންގެ ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މުބާރާތުގައި ބައިވެރިވެވޭނީ ފުރަތަމަ ފޯމުހުށައަޅާ 8 ޓީމަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހަދީޖާ މުސާ ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުބާރާތް ފެށުމަށް ގަސްތުކުރެވިފައިވަނީ އަންނަ އޮކްޓޯބަރުމަހު 16 ވަނަ ދުވަހު ނަމަވެސް މިތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކުޅުދުއްފުށީގެ އަންހެން ފުޓްސެލް ކުރިއަރުވާ، ފުޓްސެލް ކުޅެން ބޭނުންވާ އަންހެން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމާއި ކުޅިވަރުގެ ރޫހާއެއްގޮތަށް ފުޓްސެލް ކުރިއަށް ގެންދިއުމުގެ އިތުރުން ފުޓްސެލް ކުޅޭ އަންހެން ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުވެ އެކުވެރިކަން އާލާކުރުން މި މުބާރާތުގެ މަގުސަދުތެރޭގައި ހިމެނެ އެވެ.
އަދި ކަނބަލުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމުގެ ހިތްވަރު ދިނުމުގެވެސް މަގުސަދުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ.
މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ބައިވެރިވުމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތްތަށް އޮންލައިންކޮށް ފައިނަލް އެންޓްރީ ފޯމް ހުށައެޅުމުންނެވެ.
މުބާރާތުގައި ބައިވެރިވެވޭނީ ކުޅުދުއްފުށީ މީހުންނާ ކައިވެނި ކުރެވިފައިވާ ފަރާތްތަކާއި ކުޅުދުއްފުށީގައި ރަޖިސްޓްރީ
ކުރެވިފައިވާ ފަރާތަކަށް އަދި ކުޅުދުއްފުށީގައި މަދުވެގެން ހަމަސް ދުވަހު ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ. ރަށުން ބޭރުން ކުޅުންތެރިން މި މުބާރާތަށް ނުގެނެވޭނެ އެވެ.
މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން (ކީޕަރެއް ހިމަނައިގެން)، ކަނބަލުންގެ ފުޓްސެލް ކުއީން، ކޮންމެ މެޗެއްގެ ކްއީން އޮފް ދަ މެޗް، ފެއާޕްލޭ ޓީމްގެ އިތުރުން ޗެމްޕިއަން ޓީމް އަދި ރަނަރއަޕް ޓީމު ހޮވާނެ އެވެ.
މިއީ ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ އަންހެން ފުޓްސެލް މުބާރާތެވެ. ނަމަވެސް އެ ކޮމެޓީން އިސްނަގައިގެން އިންތިޒާމުކޮށްގެން އެހެން އިތުރު ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފަ އެވެ.