twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ހުކުރު މިސްކިތް މަރާމާތުގެ މަސައްކަތް ކުރަމުން ދަނިކޮށް ބަޔަކު ގެއްލުންދީފި

Oct 3, 2022
5

ކުޅުދުއްފުށީގައި ހުންނަ އެންމެ ބޮޑު މިސްކިތް ނުވަތަ މަސްޖިދުލް ހަޞާރާތު ބަންދުކޮށްގެން މަރާމާތު ކުރަމުން އަންނަނިކޮށް ރޭގެ ވަގުތެއްގައި ބަޔަކު އެތަނަށް ގެއްލުން ދީފި އެވެ. ސިޓީ ކައުންސިލުން ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ހިންގަމުން އަންނަ މި ޕްރޮޖެކްޓަށް ބަޔަކު ގެއްލުން ދީފައިވާކަން، މޭޔަރު މުހައްމަދު އާތިފް ވަނީ ފޭސްބުކްގައިވެސް ހާމަކުރައްވާފައެވެ.

މޭޔާރ މުހައްމަދު އާތިފްގެ ޕޯސްޓްގައި ވަނީ ހުކުރު މިސްކިތުގެ މަރާމާތު މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ރޭގެ ވަގުތެއްގައި މިސްކިތުގެ ތަޅުމަށް ބަޔަކު ވަނީ ގެއްލުންދީފައި ކަމަށެވެ. މިސްކިތު ތަޅުންމަތީގައި ސިމެންތި އޮލަ ލައިފައި ނުހިކި ހުއްޓާ ތަޅުންމައްޗަށް ފެންހޮޅިއެއް ދޫކޮށްލުމާއި ތަޅުމުގައި އެކި އެއްޗެހި ލިޔެ ތަޅުން ހަލާކުކޮށްލާފައިވާ ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވެފައި ވަނީ މަދުފަރާތްތަކެއްގެ މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތިގެއްލުންވެ، ރަށުގެ ތަރައްޤީއަށް ހުރަސްއެޅެމުންދާކަމަށެވެ.

"ކިތަންމެވަރަކަށް މިފަދަ އަމަލުތައް ހިންގިކަމުގައިވިޔަސް، ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ހެވާލާބައަށް މަސައްކަތްކުރުންމަތީ ސިޓީ ކައުންސިލް ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަން" މޭޔަރު ވިދާޅުވި ވެއެވެ.

އެކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މޭޔާރ މުހައްމަދު އާތިފަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ދެ ފަންގިފިލާ ހިމެނޭ އެ މިސްކިތް ފާއިތުވި ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހު ބަންދުކޮށްފައި ވަނީ ގްރައުންޑް ފްލޯގެ މަރާމާތަކަށެވެ. އެ މިސްކިތް މަރާމާތަށް ބަންދުކުރި ނަމަވެސް ހުކުރު ނަމާދު އެ މިސްކިތުގެ ދެވަނަ ފަންގިފިލާގައި އަންނަނީ ކުރަމުންނެވެ.

މަސްޖިދުލް ޙަޟާރަތު މިސްކިތް މަރާމާތުކުރުމަށް، ސިޓީ ކައުންސިލް އަދި ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފަވަނީ މިދިޔަ މަހު 11 ވަނަ ދުވަހު ޖުމްލަ 1,586,860.86 (އެއްމިލިއަން ފަސްލައްކަ އައްޑިހަ ހަހާސް އައްސަތޭކަ ފަސްދޮޅަސް ރުފިޔާ އައްޑިހަހަލާރި ) އަށް 45 ދުވަސް ތެރޭގައި މަރާމާތުކޮށް ނިންމާގޮތަ ށެވެ.

މި މަޝްރޫއުގެ ތެރެއިން، މިސްކިތުގެ މުށިތައް ނެގުން، ތަޅުން އެޅުން، ވިނައިލް ފްލޯރިން އެޅުން، އަދި މައި ދޮރުތަކަށް ގެންނަންޖެހޭ ބަދަލުތައް ހިމެނެ އެވެ.

ކައުންސިލުން އުތުރު ބަނދަރު ސަރަހައްދުގައި ތަރައްގީކުރި "ރަށްމަތި ފަންނު" ތަރައްގީ ކުރަމުން ދަނިކޮށް މިދިޔަ ޖުލައިމަސްތެރޭގައި ބަޔަކު ވަނީ އެތަނަށްވެސް ގެއްލުން ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355