ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު އެކަމަށް ޝައުގުވެރިކަންފާޅުކޮށް ބައިވެރިވެފައިވަނީ އަތޮޅުގެ 12 ރަށަކުންކަމަށް ހދ އަތޮޅު ކައުންސިލުން ހާމަކުރައްވައިފި އެވެ.
ކުޅުދުއްފުއްޓާއެކު މިއަތޮޅުގެ 13 ރަށެއްގައި މީހުން ދިރިއުޅެ އެވެ. މުބާރާތުގެ ބައިވެރިވުމަށް ހުޅުވާލި މުއްދަތުގައި ބައިވެރިވެފައިނުވަނީ ހަމައެކަނި ކުޅުދުއްފުށިންނެވެ.
ކޭއޯއަށް އެނގިފައިވާގޮތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިކަންފާޅުކޮށްފައިވަނީ އެކަމަށް ހުޅުވާލި ވަގުތު ހަމަވިފަހުންނެވެ.
މިއަހަރުގެ މުބާރާތް އޮންނާނީ މިމަހު 6-8 އަކަށް ނޮޅިވަރަމުގައި އެވެ. އެހެންވުމުން އެކަމަށްޓަކާ އެރަށް ޒީނާތްތެރިކުރުމުގެ މަސައްކަތް ކައުންސިލާއި ރައްޔިތުން ގުޅިގެން އަންނަނީ ކުރަމުންނެވެ.
ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދި ސެޕްޓެމްބަރު އެއްވަނަ ދުވަހު ހދ އަތޮޅު ކައުންސިލުން، އަތޮޅުގައި ހިމެނޭ ރަށު އަދި ސިޓީ ކައުންސިލުތަކަށް މެސެޖެއްވެސް ފޮނުވާފައިވެ އެވެ.
އެ މެސެޖުގައި ބުނެފައިވަނީ ރަށު ފެންވަރުގެ މުބާރާތް ބޭއްވުމަށްފަހު އަތޮޅު މުބާރާތަށް ހޮވުނު ދަރިވަރުންގެ ފޯމުތައް ފުރިހަމަކޮށް ޓީމު ލިސްޓާއެކު 15 ސެޕްޓެމްބަރު ވި ބުރާސްފަތިދުވަހުގެ 10:00 ކުރިން އެ އިދާރާއަށް ހުށަހެޅުމަށެވެ. އަދި ކައުންސިލުތަކުން ހަރަކާތްތެރިވާނެ ފޯކަލް ޕޮއިންޓްތައް ހަމަޖައްސާ 8 ސެޕްޓެމްބަރުގެ ސަރުކާރު ބަންދުވުމުގެ ކުރިން އަތޮޅު ކައުންސިލަށް އެންގެވުމަށެވެ.