twitterviber whatsapp telegramfacebookyoutube instagram
26th April 2024

އުވައިޝްގެ ހަރަދުގައި، އުފަން ރަށް ކުރިނބީއަށް ފައިބާ އިންޓަނެޓް!

Oct 9, 2022
1

"އަލީ އުވައިޝް" އަކީ ބޮޑުތިލަދުންމައްޗަށް މިހާރު އާ ނަމެއް ނޫނެވެ. ރީލޯޑް އާއި ރާސްޓަސްގެ ހިދުމަތަށް ތަފާތު ވިސްނުމެއް އިޖާދުކުރި "ފަސޭހަ ރިޗާޖް"ގެ ބާނީ އެވެ. އެޕްލިކޭޝަނެއް މެދުވެރިކޮށް، ކޮންމެ ތާކު ހުރެގެން ފޯނަށް ރިޗާޖް ކުރެވޭނެ ވިސްނުމެއް އިންގިލާބު ކުރި ޒުވާން ވިޔަފާރިވެރިޔާ އެވެ.

އުފަން ރަށް ކުރިނބީގައި އޭނާ ހުޅުވި ކިއުޓެކްސް ފިހާރައާއި ފަސޭހަ ރިޗާޖް އިން ލިބޭ އާމްދަނީން އުވައިޝްގެ އަމިއްލަ ބޭނުންތަކަށް ރައްކާކޮށްފައިވާ "ސޭވިން" އިން ރަށު ރައްޔިތުން ބޭނުން ޖެހިފައިވާ ހިދުމަތެއް ކުރުމަކީ އަބަދުވެސް އޭނާ އެދޭ ކަމެވެ.

"ރަށުގަ ފައިބާ އިންޓަނެޓް ސާވިސް އޮންނަން މި ރަށު މީހުން އަބަދުވެސް އެދޭ. މިހާރު ވެސް ހުރިހާ ގެއަކަށް މި ދަނީ ކޭބަލް ވައްދަމުން." އުވައިޝް ކިޔައިދިނެވެ.

މި މަސައްކަތް ކުރިނބީއަށް އުވައިޝް ކޮށްދެނީ ދިރާގާއެކު ވެފައިވާ ޕާޓްނާޝިޕެއްގެ ދަށުންނެވެ. ކޭބަލް ކުއްޔަށް ދޫކޮށްދިނީ ވެސް ދިރާގުންނެވެ. ކޭބަލްތައް މެދުވެރިކޮށް ދޭނީ ވެސް ދިރާގުގެ ފައިބާ އިންޓަނެޓް ހިދުމަތެވެ. ނަމަވެސް ކޭބަލް އެޅުމާއި، ކޭބަލް އަދި ނެޓްވޯކް ބަލަހައްޓާނީ އުވައިޝްގެ ހަރަދުގަ އެވެ.

"ދިރާގުން މި ގޮތަށް އެއްބާރުލުންދޭ މި ޒާތުގެ ޕްރޮޖެކްޓްތަކުގައި ޕާޓްނާޝިޕަށް، އެ ގޮތަށް ވަރަށް ރަނގަޅު ދިރާގު،" އުވައިޝް ބުންޏެވެ.

ފައިބާ އިންޓަނެޓަށް ބޭނުންވާ ކޭބަލް ލުމަށް ކޮނުމުގެ މަސައްކަތް މިހާރު ރަށުގައި އެބަ ކުރިއަށް ދެ އެވެ. އުވައިޝް ބުނި ގޮތުގައި އެ މަސައްކަތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެއީ އެވެ. މަސައްކަތް ލަސްވީ ވެސް ކޮންނާނެ ބަޔަކު ނުލިބިގެނެވެ. އަދި އެންމެ ބޮޑު ހަރަދެއް ދަނީ ވެސް އެ ކަމަށެވެ.

"އަތޮޅުތެރޭގެ އެ މަސައްކަތް ކޮށްދިނުން ވަރަށް އަގު ބޮޑު. އާންމު ރޭޓަކީ މީޓަރަކަށް 65 ރުފިޔާ، އަހަރުމެނަށް ލިބުނީ އެއަށް ވުރެ މާ އަގުހެޔޮކޮށް 40 ރުފިޔާ އޭރަށް ވެސް އަރާ ގާތްގަނޑަކަށް ދެ ތިން ލައްކަ ރުފިޔާ ކޮންނަން،" އުވައިޝް ބުންޏެވެ.

އުވައިޝް ދެކޭ ގޮތުގައި މިއީ ވެސް ދިރާގާއެކު ޕާޓްނާޝިޕް ހަދައިގެން ކުރަން ރަނގަޅު ވިޔަފާރިއެކެވެ. ކުރިނބީއަށް ވުރެ ވެސް އާބާދީ ބޮޑު ބައެއް ރަށްރަށް މި ހިދުމަތް ނުފެށި ހުރި ކަން އޭނާ ފާހަގަ ކުރި އެވެ. ވިޔަފާރިއަކަށް ވުރެ ބޮޑަށް، އޭނާ މި ކަން ދެކެނީ ހިދުމަތެއްގެ ގޮތުގަ އެވެ.

"ކުރިނބީގައި ފައިދާ ވާން ވެސް ވަރަށް ދުވަސް ނަގާނެ. ރަށުގެ އާބާދީ ވެސް ކުޑަވީމަ. ފައިދާއަކަށް ވުރެ ބޮޑަށް ރަށު މީހުންނަށް މި ހިދުމަތް ބޭނުން ޖެހިފައި އޮތުމުން، ރަށަށް ކޮށްދޭ ހިދުމަތެއްގެ ގޮތުގައި މި ކަން ކޮށްދެނީ، ކުރިނބީއަށް ޓަކައި ކޮށްދެވޭނެ އެންމެ ބޮޑު މަސައްކަތް މިއީ،" އުވައިޝް ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355