twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ޕީޕީއެމް ސަރުކާރެއްގައި ތެލުގެ އަގު ބޮޑުވިޔަސް 20 ރުފިޔާއަށް މަސް ކިލޯއެއް ގަންނާނަން: ޔާމިން

ނަބީލާ އިސްމާޢީލް
Oct 16, 2022

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެގެން ދިޔަ ނަމަވެސް މަސް ކިލޯގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނޫން އަގެއްގައި ހިފަހައްޓާނެކަމުގެ ޔަގީންކަން ޕީޕީއެމްގެ ރައީސް ޔާމީން ދެއްވައިފި އެވެ.

އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި އަނެއްކާ ވެސް އޭގެ ހައްޤު މަގާމު ހޯދާނެ ސިނާއަތަކަށް ހެދުމަށްޓަކައި ޕީޕީއެމްގެ ސަރުކާރަކުން ހަމަ އެއްވެސް ހިފެހެއްޓުމެއްނެތި ކުރެވެން އޮތް ހުރިހާކަމެއް ކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑަކަށް ރާއްޖެއިން ބޭރުން ތެޔޮ ވިއްކާ އަގުތަކެއް ކަނޑައަޅާފަ ދަންނަވާކަށް ނޭނގެ. އެކަމަކު މަސްވެެރިންނަށް ހާއްސަ އަގުތަކެއް ހަމަޖައްސައިދޭނަން. އޭގަ ތަފްސީލަކަށް ނުދާނަން. އެކަމަކު ވެސް އެއާއެކީގަ އަޅުގަނޑު ދަންނަވާނެ ވާހަކައެއް އެބައޮތް. ތެލުގެ ހަރަދު މިހެން ބޮޑުކޮށް އޮތްކަމަށްވަންޏާ ﷲ ގެ ރަހްމަތާއެކީ އަޅުގަނޑު ކަށަވަރުކޮށްދޭނަން 20 ރުފިޔާއަށް މަސްކިލޯއެއް ގަންނާނަން އަޅުގަނޑުގެ ސަރުކާރެއްގައި.'' ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމިންގެ ވާހަކަފުޅުގައި ވަނީ އިހަވަންދޫގެ މަސްވެރިކަން ފުޅާކުރުމަށް އެރަށުގައި ކުރައްވަން ގަސްދުކުރައްވާ މަޝްރޫއުތަކަށްވެސް އަލިއަޅުވާލައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، ދެން ޕީޕީއެމްއަށް ލިބޭ ވެރިކަމެއްގައި، އެންމެ ފުރަތަމަ އައިސް ޕްލާންޓު އަޅާ އަދި ތެޔޮ ލިބޭނެ ގޮތް ހަދާކަމުގައިވާނަމަ، އެއް ރަށަކަށް އިހަވަންދޫ ވާނެކަމަށެވެ.

"އިހަވަންދޫގެ މަސްވެރިންނަށް އިހަވަންދޫއިން ޑީސަލް ލިބޭނެ ގޮތް، އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރާނަން އެކަން. އަދި ހަމަ އެގޮތަށް އިހަވްނދޫގެ މަސްވެރިންނަށް އައިސް ލިބޭނީ ހަމަ އިހަވަންދޫއިން، އިހަވަންދޫގެ މަސްވެރިން ނުޖެހޭނެ ފެލިވަރަކަށް ދާކަށް، އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑު ކުރާނަން" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ ދޯނި ބަނުން ހުއްޓައިނުލުމަށާއި, މިހާރު ހުރި ދޯނިތައް ނިންމުމަށް ވެސް ހިތްވަރު ދެއްވާފައެވެ. އަދި ބަންނަމުންދާ ދޯނިތަކަށް ޕީޕީއެމްގެ ސަރުކާރެއްގައި ވެވެން އޮތް އެހީތެރިކަމެއްވާނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްގެ ވެރިކަމެއްގައި މަސްވެރިކަމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ވާހަކައަކީ ހަމައެކަނި މަސްވެރިންގެ ވޯޓުގެ ބޭނުމުގައި ދައްކާ ވާހަކައެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިންނަށް މާތްﷲ ލައްވާފައިވާ ނިއުމަތެއްކަމަށް ހިތުގެ އަޑިން ގަބޫލުކުރާ ހާލު، މި ސިނާއަތު އޭގެ ހައްގު މަގަށް ގެންދިއުމަށް ޕީޕީއެމުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން މަސްވެރިންގެ މެނިފެސްޓޯ އެކުލަވާލާއިރު، އެމަނިކުފާނަށް މަސްވެރިންގެ ފަރާތުން ހުށައަޅުއްވާ ކަންކަމަށް މަރުހަބާ ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355