twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މި ސަރުކާރަކީ ވަރަށް ސުލޯ ސަރުކާރެއް: ކެލާ ކައުންސިލް ރައީސް

ނަބީލާ އިސްމާޢީލް
Oct 17, 2022

މިހާރު މި އޮތް އެމްޑީޕީގެ ސަރުކާރަކީ ވަރަށް ސްލޯ ސަރުކާރެއް ކަމަށް ހއ. ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވެއްޖެ އެވެ.

އަބްދުﷲ އިންފާޒް މިފަދައިން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ހއ. ކެލާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އިންފާޒް ވިދާޅުވީ ޒުވާނުންގެ ރައީސްގެ ނަމުން ރައީސް ޔާމިންއަށް މުހާތަބުކުރަނީ ވަރަށް ބައިވަރު ސަބަބު ތަކާހުރެ ކަމަށެވެ.

" ޒުވާނުންނަށްޓަކައި އެމަނިކުފާނު ކޮށްދިން ނުހަނު ގިނަ ހިދުމަތްތަކާ ހެދި އެމަނިކުފާނަށް އަޅުގަނޑުމެން ޒުވާނުން ރައީސްގެ ނަމުން މުހާތަބްކުރަން މަޖުބޫރުވީ" އަބްދުﷲ އިންފާޒް ވިދާޅުވި އެވެ.

އިންފާޒް ވިދާޅުވީ ބޯހިޔާވަހިކަން ހައްލުކޮށްދިނުމަށް ހުޅުމާލޭގައި ޔާމިންގެ ސަރުކާރުން އެޅި ފުލެޓްތަކުގެ ތެރޭގައިވެސް ޒުވާނުންނަށް ހާއްސަކޮށް 1 ކޮޓަރީގެ އެޕާޓްމެންޓްތަކެއް އަލަތު ކައިވެނި ކުރާފަރާތްތަކަށް އަޅައިދިންކަމީ ޒުވާނުންނަށް އެމަނިކުފާނު ދެއްވާ އަހަމިއްޔަތުކަން ކަމަށެވެ.

އަދި ޒުވާނުންނަށް ކުޅިވަރުގެ އެތަށް ފަހި ފުރުސަތުތަކެއް އެމަނިކުފާނު ފަހިކޮށްދެއްވި ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޕޯޓްސް އެރީނާތަށް އަޅައިދިން ކަމަށެވެ. މީގެ އިތުރުން ސްޕޯޓްސް އެރީނާވެސް މަޝްހޫރުވެގެންދިޔައީ ރައީސް ޔާމިންގެ ޒައާމަތުގައި ކަމަށެވެ.

"ދެން އަޅުގަނޑުމެން ބަލާލަންވީ މި ސަރުކާރުން ޒުވާނުންނަށް ވަމުންދާ އިހުމާލަށް. ޔާމިންގެ ސަރުކާރުގައި ފިއްލަދޫގައި ޒަމާނީ ފެންވަރުގެ ޓާފް ދަނޑެއް އެޅި، އެތާ އެ ރައްޔިތުން ކުޅެމުން އައީ ނުހަނު އުފަލާ އެކު. ކޮންމެ ކަމެއްވެސް އެއީ މެއިންޓެނަސް ކުރަން ޖެހޭ ކަމެއް. އާބާތުރަ ފިލުވަން ޖެހޭ ކަމެއް. މިސަރުކާރަށް އެކަން ނުވީމާ ފިއްލަދޫ ރައްޔިތުން ނިކުމެ އެތާ ކެޔޮ އިންދީ. އެހިސާބުން ހަމަ ބުއްދި ހުރި މީހަކަށް އެނގެން ޖެހޭނެ ސަރުކާރު މިއޮތީ ފެއިލްވެފަކަން" އަބްދުﷲ އިންފާޒް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކެލާގައި ޔާމިން އަޅައިދިން ސްޕޯޓްސް އެރީނާތަށްވެސް މިހާރުވަނީ މަރާމާތުކުރަން ޖެހިފައި ކަމާއި އެއިން އެއްވެސްކަމެއް ނުކޮށް މި ސަރުކާރުން ކެލާގެ ޒުވާނުންނަށްޓަކައި "ގާވެފަ ހުރި ސިޑިބަރި"އެއް ފަށައިދިންނަމަވެސް ނިންމަން ބުނި މުއްދަތު ފަހަނައަޅާ ގޮސް 6 މަސް ވީއިރުވެސް ނިމޭނެ ދުވަހެއްވެސް އަލުން މަސައްކަތް ފެށޭނެ ދުވަހެއްވެސް ނޭނގޭ ކަމަށެވެ.

ކޭލާ ދާއިރާއަށް ހަމަ އެކަނި މި ސަރުކާރު ކޮށްދިންކަމަކީ އެއީކަމަށް ވިދާޅުވެ އިންފާޒް ވިދާޅުވީ ވެރިކަމަށް 4 އަހަރުވީ ފަހުން ބިލިއާޑް ބޯޑެއް ދީފައި އޭގެ ފޮޓޯ ގަނޑެއް ނަގާލެވުން ކަމަށެވެ.

"4 އަހަރުން ބިލިޔާޑް ބޯޑެއްގެ ފޮޓޯގަނޑެއް. މިއީ މި ސަރުކާރަށް ކޮށްދެވުން ކަމަކީ. ސަރުކާރަކީ ވަރަށް ސުލޯ ސަރުކާރެއް، މި ސަރުކާރު އަޅުގަނޑުމެން ބަދަލުކުރަން ޖެހެނީ ސަރުކާރުގެ ސިޔާސަތުތައް ދޯހަޅިވެފާ، ތަރައްގީގެ މަޝްރޫއުތައް ހުއްޓި ސަރުކާރުގެ ސްޕީޑް ފިނިހަކަ ސްޕީޑަށް ބަދަލުވެގެން ދިޔައީމަ." އިންފާޒް ވިދާޅުވި އެވެ.

ޔާމިން ސަރުކާރުން ކެލާ ސްކޫލްގައި އަޅަން ފަށާފައިވާ މަލްޓިޕާޕަސް ހޯލް އިމާރާތް މި ސަރުކާރަށް 4 އަހަރު ވެގެން ދިޔައިރު ނުނިމޭތީ އެކަމަށް ކައުންސިލް ރައީސް އިންފާޒް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355