ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލުގައި ކުރިއަށްގެންދާ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ދިރާގު ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ދިން މި އެހީތެރިކަން ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުން ވަނީ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ބޭނުންވާ އަދި ދަރިވަރުންގެ ކިޔެވުން އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެ ތަފާތު ވަސީލަތްތައް ހަދިޔާކޮށްފަ އެވެ.
އޭގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމްތަކާއި ފަރުނީޗަރާއި ޖިމް ކަސްރަތު ބޯޅަ އަދި އެ ޔުނިޓަށް ބޭނުންވާ އެކި ފޮތްތަކާއި ޕަޒްލްތައް ހިމެނޭ
އެ ރަސްމިއްޔާތު ޝަަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ދިރާގުން ވެދިން އެހީގެ ސަބަބުން ސްކޫލްގެ ވަސީލަތްތައް އިތުރުވެ، ދަރިވަރުންނަށާއި މުދައްރިސުންނަށް ރަނގަޅު އަދި ދެމެހެއްޓެނިވި ފައިދާއެއް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ޖަލާލުއްދީން ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ދިރާގުން ފޯރުކޮށްދިން އެހީތެރިކަމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. ތި ވެދެއްވި އެހީގެ ސަބަބުން ސްކޫލްގެ ދަރިވަރުންނަށާއި ޓީޗަރުންނަށް ރަނގަޅު އަދި ދެމެހެއްޓެނިވި ފައިދާއެއް ވާނެކަން ޔަގީން،" އާތިފް ވިދާޅު ވިއެވެ.
ދިރާގުގެ ޑައިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޒުވާނުން ބާރުވެރިކުރުމަކީ އެ ކުންފުނިން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ.
"ރާއްޖޭގައި ތައުލީމީ ދާއިރާއަށް އެހީތެރިވުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތައް ބާރުވެރިކުރުމަށް އިސްކަމެއް ދޭނަން،" މިރްޝާން ވިދާޅުވި އެވެ.
މުވާސަލާތީ ގުޅުމުގެ އިތުރުން މުޖުތަމައުއަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން، އެ ކުންފުނިން މިހާރު ވެސް އަންނަނީ ކުޑަކުދިންނަށް އެހީތެރިވުމާއި ޒުވާނުން ބާރުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.