ކުޅުދުއްފުށީ ސިޓީ ކައުންސިލާ ޖަލާލުއްދީން ސްކޫލް ގުޅިގެން މި އަހަރުގެ ނަސްރުގެ ދުވަސް ކުޅުދުއްފުށީގައި ކުލަގަދަކޮށް ފާހަގަކުރަން ނިންމާ އެ ހަރަކާތަށް ބޭނުންވާ ބަޖެޓް ފާސްކޮށްފި އެވެ.
މިދިޔަ އަހަރު ނަސްރުގެ ދުވަސް ފާހަގަކުރީ އަފީފުއްދީން ސްކޫލާއި ސިޓީ ކައުންސިލް ގުޅިގެންނެވެ. އެފަހަރުވެސް ކުލަގަދަކޮށް އެ ދުވަސް ކުޅުދުއްފުށީގައި ފާހަގަކުރި އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ދިވެހީންގެ ބަޔަކާ ގުޅިގެން ސްރީލަންކާގެ ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކު ރާއްޖެ އަރައި ދިން ހަމަލާގެ ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު ނަސްރު ގެ ހަނދާން އާ ކުރުމަށެވެ.
މި އަހަރު ނަސްރުގެ ދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކުޅުދުއްފުށީގައި ޕެރޭޑެއް ބޭއްވުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މޭޔަރު މުހައްމަދު އާތިފު ވިދާޅުވި އެވެ. އަދި ރަސްމީ ޖަލްސާ އޮންނާނީ ޖަލާލުއްދީން ސްކޫލްގަ އެވެ.
މީގެ އިތުރުން ދުވަހާ ގުޅުން ހުރި އަދަބީ މުބާރާތްތައްވެސް ސްކޫލުތަކުގެ މެދުގައި ކުރިއަށްދާނެ ކަމަށާއި އަދި މުބާރާތުގެ ވަނަ ވަނައަށް އަންނަ ފަރާތްތަކަށް އިނާމުވެސް ދިނުމަށް ހަމަޖެހިފައިވާކަމަށް މޭޔަރު ފާހަގަ ކުރެއްވި އެވެ.
މޭޔަރު ވިދާޅުވީ ނަސްރުންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން ސްކޫލުތަކަށް ގެނެވޭ ތަރައްގީއަކީ ފާހަގަކޮށްލަން ބޭނުންވާ މުހިންމު ކަމެއް ކަމަށެވެ.
"ހާއްސަކޮށް މިދިޔަ އަހަރުވެސް އަޅުގަނޑުމެންނަށް އަފީފުއްދީން ސްކޫލް ހޯލަށް ދާއިމީކޮށް އިންނަ ކެންވަރސް ޓްރޭއެއް ދަގަނޑުން ހެދިފަ އިންނަ، ހެދިގެން ދިޔަ. އޭގެ ސަބަބުން ހުރިހާ ފަންގޝަންތަކެއްގައި ސްކޫލް ހަރަކާތްތަކުގައި ބޮޑު ލުއިފަސޭހައަކަށް ވަނީ ވެގެން ގޮސްފަ. ހަމައެއާއެކު މި އަހަރު ޖަލާލުއްދީން ސްކޫލުގައިވެސް އެކަން ކުރެވިގެންދާނެ." މޭޔަރު ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ސްކޫލް ޒީނަތްތެރި ކުރުމަށްވެސް ގިނަ ކަންކަން ކުރެވިގެންދާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކައުންސިލަރު މުހައްމަދު ދާއޫދު ވިދާޅުވީ ކުޅުދުއްފުއްޓަށް އަންނަ އެންމެ ޝަރަފުވެރި އަދި އެންމެ ފަހުރުވެރި އެއް ދުވަހަކީ ނަސްރުގެ ދުވަސްކަން ފާހަގަކުރެއްވި އެވެ.
ފްރޭމް ހެދުމާއި ކެންވާސް، އަދި ޕެއިންޓްކުރުމާއި ޑެކަރޭޝަން އަދި ޝަހީދު ހުސައިން އާދަމްގެ އެދުވަހުގެ ހާދިސާ ކަވާކުރުމަށް ވީޑިއޯ ހެދުމާއި ހާއްސަ މެހުމާނުން ގެނައުމަށް އެ މީހުންގެ ޓިކެޓާއި ކެއުމާއި ހުރުމުގެ އިތުރުން ޖަލްސާގެ ކެއުމާއި މިކަންކަން ހިމަނައިގެން ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވުމުން ދުވަހުގެ ހަރަދުތައް ހަމަޖެއްސުމަށް ދެ ލައްކަ ރުފިޔާގެ ބަޖެޓެއް ފާސްކުރުމަށް މުހައްމަދު ހުށަހެޅި އެވެ. މި ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ތާއިދުކޮށް ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުގެ އަގުލަބިއްޔަތުން ވަނީ ފާސްވެފަ އެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ މިފަދަ ދުވަހެއް ހާއްސަކޮށް ކުޅުދުއްފުށީ ދަރިއެއްގެ ޒިކުރާ އާކުރާއިރު އަންނަން އޮތް ޖީލަށް މިކަންކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގަ އެވެ. އެހެންކަމުން ސްކޫލްތަކާއެކު މި ހިންގާ ހަރަކާތްތަކުގައި ސްކޫލްގެ ދަރިވަރުން ޝާމިލްކޮށްގެން އެކި އެކި މުބާރާތްތައް ހިންގުމުން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލްވެވޭނެ ކަމަށެވެ.