ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމްގެ އަހުލާގުން މިއަދުގެ ދަރިން ފިލާވަޅު ހާސިލްކުރަން ޖެހޭކަމުގައި ވިލާ ކޮލެޖުގެ އެސިސްޓެންޓް ޕްރޮފެސަރ އޮފް ޕްރެކްޓިސް އަދި ރާއްޖޭގެ ތައުލީމީ ހަޔާތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ސައީދު އަހުމަދު (ސައީދު ސަރ) ވިދާޅުވެއްޖެ އެވެ.
ރޭ ކުޅުދުއްފުށީގައި ބޭއްވި ނަޞްރުގެ ދުވަހުގެ ހާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ސައީދު ސަރ ވިދާޅުވީ، ޝަހީދު ހުސައިން އާދަމް ގައުމަށްޓަކާ ގައުމާއި ދީނުގެ ދިފާއުގައި ކުރެއްވި ޖިހާދަކީ ވަރަށް މުހިންމު ޖިހާދެއް، އެކަން ތަކުރާރުކޮށް ކިތަންމެވަރަކަށް ކީނަމަވެސް މާގިނައިން ކިއުން ކަމަކަށް ނުވާނެ ކަމަށެވެ.
"އެކަމުގެ ވާހަކަ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި އަޅުގަނޑުމެންގެ ރައްޔިތުންގެ ހިތްތަކުގައި ހަރުލެއްވޭނެ ހުރިހާ ކަމަކާދޭތެރޭ ވިސްނައި އެގޮތުގެ މަތިން އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއް،" ސައީދު ސަރ ވިދާޅުވި އެވެ.
ސައިދު ސަރ ވިދާޅުވީ ހުސައިން އާދަމްގެ ހަޔާތުގައި ނުވަތަ އެ ޝަހީދުގެ އަހުލާގުގައި މިއަދުގެ ދަރީންނަށް ވަރަށް ރަނގަޅު ބައިވަރު ފިލާވަޅުތަކެއް އެބަހުރިކަމަށެވެ. އޭގެތެރެއިން 3 ކަމެއް ހާއްސަކޮށް ވަނީ ފާހަގަކުރައްވާފަ އެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ފާހަގަކުރެއްވީ ޝަހީދު ހުސައިން އާދަމްގެ ސާބިތުކަމެވެ. އެގޮތުން ސައިދު ސަރ ވިދާޅުވީ، ޝަހީދު ހުސެން އާދަމް އެ ހިދުމަތުގައި މި ގައުމުގެ ދިފާއުގައި ހުންނެވީ ވަރަށް ސާބިތުކަމާއެކީކަމަށާއި މިއަދުގެ ޒުވާނުންނަށް ދެންނެވީ ލިބިފައިވާ މަގާމުގައި ސާބިތުކަމާއެކީގައި ހުސެން އާދަމް މި ގައުމުގެ ދިފާއުގައި ހުންނެވިފަދައިން ތިއްބެވުމަށެވެ.
"ވަޒީފާ އަދާކުރުމުގައި އެ ވަޒީފާ އަދާކުރާ މުއައްސަސާއަކަށް ތެދުވެރިކަމާއެކީގައި ޖެހޭ ހަމަ ކޮންމެ މަސައްކަތެއްގައި ފަރުވާތެރިކަމާއެކީގައި ތިއްބަވާށެވެ. މިއީ ހުސެން އާދަމް އަޅުގަނޑުމެންނަށް ދެއްވާ އެއް ފިލާވަޅެއް. މީގެ ބޭނުން ހިފައިގެން އަޅުގަނޑުމެން މަސައްކަތްކުރާ ކޮންމެ މުއައްސަސާއަކުން ދެމިތިބުމަށް ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ދަންނަވަން." ސަރ ވިދާޅުވި އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ސަރ ވިދާޅުވީ ޝަހީދު ހުސައިން އާދަމް ދަންނަ ފަރާތްތަކުން އެނގުނު ގޮތުގައި ހުސައިން އާދަމް އަކީ ގަޑިއަށް ވަރަށް ފަރުވާތެރި ފަރާތެއް ކަމަށާއި ގަޑި ނުޖެހި ޑިއުޓީއަށް ދިއުމަކީ އުފަލެއް ކަމުގަ އެވެ. މިހާރުގެ ޒުވާނުންނަށް މިއީ މާ މުހިންމު ކަމެއް ނޫންކަން ފާހަގަ ކުރައްވަމުން ސައިދު ސަރ ވިދާޅުވީ މިއީވެސް ހުސައިން އާދަމްގެ އަހުލާގުން މިއަދުގެ ޒުވާނުން ފިލާވަޅު ހާސިލުކުރަން ޖެހޭ ކަމެއް ކަމަށެވެ.
އެންމެ ފަހު ކަމެއްގެ ގޮތުގައި ސަރ ވިދާޅުވީ މިހާރުގެ މުޖުތަމައުގައި ވަރަށް ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ފެތުރެމުންއަންނަ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. ސަރ ވިދާޅުވީ އެނގެން އޮތް ގޮތުގައި ހުސައިން އާދަމަކީ ދުންފަތުގެ އިސްތިއުމާލު ކުރެއްވި ބޭފުޅެއް ނޫން ކަމަށާއި މިއީވެސް އެ ބޭފުޅާގެ ހަޔާތުން މިއަދުގެ ދަރިން ފިލާވަޅު ހާސިލްކުރަން ޖެހޭ އަހުލާގެއް ކަމަށެވެ.